ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާ ކަމަށާ، އެ އެޕްލިކޭޝަންގެ މުސްތަގުބަލުވެސް އޮތީ އިންޑިއާގައި ކަމަށް މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންސް ވަޓްސްއެޕްގެ ގްލޯބަލް ހެޑް ވިލް ކެތްކާޓް ބުނެފިއެވެ.
ދޮގު ޚަބަރު ފެތުރުމާ ކަސްޓަމަރުންގެ މައުލޫމާތު ރައްކާކުރުމާ ގުޅޭ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ ވަޓްސްއެޕްގެ ގްލޯބަލް ހެޑް ބުނި އިންޑިއާއިން ލިބޭ ޔޫޒާޒްގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހު އިންޑިއާއިން 200 މިލިއަން މޭހުން ވަޓްސްއެޕް ބޭނުންކުރަމުންދިޔައިރު މިހާރު 400 މިލިއަން ޔޫޒާޒް އިންޑިއާގައި އެބަތިބިކަމަށް ކެތްކާޓް ވަނީ ފާހަގަކޮށްފައެވެ.
މިމޭރުމުން ވާހަކަދައްކަމުން ކެތްކާޓް ބުނީ މިހާރުވެސް މަހެއްގެ މައްޗަށް ދުނިޔޭގެ އެކި ހިސާބުތަކުން 2 މިލިއަނެއްހާ އެކައުންޓް ބަންދުކުރަމުން އަންނަ ކަމަށާ، އެކަން އެގޮތުގައި ކުރަމުން ދާކަމަށެވެ.
ކަންމިހެންއޮތްއިރު ވަޓްސްއެޕް އެޕްލިކެޝަން މެދުވެރިކޮށް ނަފްރަތު އުފެއްދުމަށާ އެނޫންވެސް ބޭނުންތަކަށް ދޮގު ޚަބަރު ފަތުރަމުންދާ ދިއުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާނެކަންވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.