އެމެރިކާއާއިއެކު އަނެއްކާވެސް އަސްކަރީ ތަމްރީނުތަކެއް ހެދުމަށް ތައްޔާރުވަމުންދާ ދެކުނު ކޮރެޔާއިން އުޅެނީ "ދެކޮޅުން ކާން" ކަމަށް ވިދާޅުވެ، އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން، ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެޔާއަށް އަމާޒުކުރައްވާ ކިމް ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިރު، އިތުރު ކޮރެޔާއިންވަނީ އާ ޒާތެއްގެ ވަރުގަދަ 2 މިސައިލެއްވެސް ބުރާސްފަތި ދުވަހު ލޯންޗުކޮށްފައެވެ. މިކަމަކީ ދެކުނު ކޮރެޔާއަށް އިމްޕޯޓްކުރާ އެމެރިކާގެ ހައި-ޓެކް ހަތިޔާރުތައް އެތެރެކުރުން ހުއްޓުވާ، އެމެރިކާއާއިއެކު ކުރިއަށް ގެންދަ އަސްކަރީ ތަމްރީނުތައް ހުއްޓުވުމަށް ގޮވާލާ އިންޒާރެއްގެ ގޮތުގައި ދެކުނު ކޮރެޔާއަށް ދިން އިންޒާރެއް ކަމުގައިވެސް ކިމް ވަނީ އިޝާރާތްކުރައްވާފައެވެ.

މިއީ ކޮރެޔާ މައްސަލަ ހައްލުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ކިމްއާއި ދެމެދު މިދިޔަ މަހު ކުރިއަށްގެންދެވި މަޝްވަރާތަކަށްފަހު އުތުރު ކޮރެޔާއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާ އަސްކަރިއްޔާގެ 30000 އެއްހާ ސިފައިން ދެކުނު ކޮރެޔާގައި އެބަތިއްބެވެ. މިއާއެކު އެމެރިކާ އަސްކަރިއްޔާއާއި ގުޅިގެން ދެކުނު ކޮރެޔާއިން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީނުތަކާއެކު އުތުރު ކޮރެޔާ ވަނީ އިންތިހާއަށް ރުޅިގަދަވެފައެވެ.