ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު އެމެރިކާގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް އެގައުމުގެ ތަންފީޒީ ބާރުތަކަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހުއްދަ ދީފިއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކަށް ބާރުދޭ ގޮތަށް އޮންނަ ސިޔާސަތަށް އަމަލު ނުކުރާތާ 20 އަކަށް އަހަރުވެފައިވަނިކޮށް، އެ ސިޔާސަތު ނަގަހައްޓާ، މަރުގެ ހުކުމް ތަންފީޒުކުރުމަށް، ތަންފީޒީ ބާރުތަކަށް ހުއްދާ ދީފައިވާއިރު، މަރުގެ ހުކުމް އިއްވާފައިވާ ގައިދީންގެ ތެރެއިން 5 މީހެއްގެ މައްޗަށް ހުކުމް އިއްވުމަށް މިހާރުވަނީ ޝެޑިއުލްކޮށްފައެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވީ މި ނިންމުމަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިންވެސް ރުހުން ލިބި، ރިޔާސަތުންވެސް ބަލައިގަންނަވާފައިވާ ނިންމުމެއްކަމަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަކަކީ ގާނޫނުން ވެރިކަން ހިންގުމުގެ އުސޫލުތައް ބަލައިގަންނަ ބައެއް ކަމަށާ، ޝަރުއީ ނިޒާމުގެ ތެރެއިން ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އަނިޔާ ލިބުނު މީހުންގެ އާއިލާތަކުގެ ހައްގުގައި އެކަން ތަންފީޒުކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ލާޒިމުވާކަންށްވެސް އެޓާނީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުން އިތުރު ކުރުމަށް ގޮވާލައްވާފައެވެ. ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ ވަގުވިޔަފާރި ކުރާ ފަރާތްތަކާ، ބަޑީގެ ހަމަލާތައް ދީގެން ގިނަ ބަޔަކު މަރާލާ މީހުންގެ މައްޗަށް މަރުގެ ތަންފީޒު ކުރުމަށް ޓްރަމްޕް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.

އެމެރިކާގެ ދައުލަތުން ހިންގާ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 62 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، މީގެ ތެރޭގައި ބޮސްޓަން މެރަތަންއަށް ބޮމުގެ ހަމަލާ ދިން ޒޯޚާރު ސާނޭފްވެސް ހިމެނެއެވެ.

ޖަސްޓިސް ޑިޕާޓްމަންޓްގެ އަމުރާއެކު މަރުގެ ހުކުމް ތަންފީޒުކުރާ 5 ގައިދީންގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހުން މެރުމުގެ ކުށް ސާބިތުވެފައިވާ މީހުންނާ، ޖިންސީ ޖަރީމާ ކުށް ސާބިތުވެފައިވާ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

މި 5 މީހުންގެ މައްޗަށްވެސް ހުކުމް ތަންފީޒުކުރާނީ ނުރައްކާތެރި ފެނޯބާބިޓަލް އިންޖެކްޝަން ޖަހައިގެންނެވެ.

އިންޑިއާނާގައި ހުންނަ ޔޫއެސް ޕެނިޓެންޝަރީ ފެސިލިޓީގައި މި 5 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

ކަންމިހެން އޮތްއިރު ފާހަގަކުރަންޖެހޭ ކަމަކީ، އެމެރިކާއަކީ އިސްލާމީ ޝަރިއާގެ ދަށުން މުސްލިމު ގައުމެއްގައި މަރުގެ ހުކުމް އިއްވާ، ތަންފީޒުކުރާނަމަ، އެކަމަކާ ދެކޮޅަށް އެންމެ ފާޅުގައި އަޑުއުފުލާ އެއް ގައުމުކަމެވެ.