އުމުރުން އެންމެ ތިން އަހަރުގެ ކުއްޖަކު ހުން އައުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމުން ދިން ބޭހެއްގެ ސަބަބުން އަޑު އިވުމުން މަހުރީމު ވި ކުއްޖާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 7 މިލިއަން ރުފިޔާ ދިނުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ކުއްޖާ އަޑުއިވުމުން މަހުރޫމު ވެފައި ވަނީ ގދ. ތިނަދޫ ހޮސްޕިޓަލަށް ދައްކައި އެ ހޮސްޕިޓަލުން ދިން ޖެންޓަމައިސިން ގެ ސަބަބުންނެވެ. އެ ބޭހުގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުމުން މަހުރޫމު ވުމުގެ ސަބަބުން އޭނާގެ ބައްޕަ ވަނީ ދައުލަތާ ދެކޮޅަށް ދައުވާކޮށްފައެވެ. މީގެ ކުރިން އެ މައްސަލައާ މެދު ދަށު ކޯޓުންނާއި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އެ މައްސަލައިގައި ހޮސްޕިޓަލުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް އެ ހުކުމުގެ އިސްތިއުނާފް ގެ ފަހު މަރުހަލާގައި ސުޕްރީމް ކޯޓުން ވަނީ މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް މައްސަލަ ބަލައި ނިންމާފައެވެ. މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޖެންޓަމައިސިން އަކީ އެ ބޭސް ދިނުމުގައި ނުބަލައި ދީފިނަމަ އޭގެ ސަބަބުން ބަލި މީހާއަށް ގެއްލުން ލިބިދާނެ އެއްޗެއްކަމަށް ތަޖުރިބާކާރުންގެ ބަހުން އެނގެން އޮތްކަމަށެވެ. އަދި އެފަދަ ބޭހެއް ދިނުމުގެ ކުރިން ބަލިމީހާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަން ބަލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ ބޭސް ދިނުމުގައި އެ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް އިންފެކްޝަނެއް ހުރިތޯ ޑޮކްޓަރު ބަލައިފައި ނުވާކަމަށާއި، އަދި އެ ބޭހުން ކޮށްފާނެ ނޭދެވޭ އަސަރެއްގެ މައުލޫމާތު ކުއްޖާގެ ބެލެނިވެރިންނާ ހިއްސާކުރިކަން އެނގެން ނެތް ކަމަށެވެ. އަދި ހޮސްޕިޓަލުގެ ބައެއް ލިއުން ތަކަށް ވަނީ ބަދަލުގެނެސްފައި ކަމަށާއި ބަލިމީހަކަށް ފަރުވާ ދިނުމުގައި އިހުމާލު ވެއްޖެ ނަމަ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
އެހެން ކަމުން އެ މައްސަލައާ ގުޅިގެން ދައުލަތުން ބަދަލުގެ ގޮތުގައި ދިނުމަށް އެދިފައިވާ 7.1 މިލިއަން އަކީ އެކަށީގެންވާ ބަދަލެއް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންވެސް އެއްބަސްވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ،