މިދިޔަ ޖޫން މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ޖުމްލަ 241 މައްސަލަ ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ، ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ އަށް މައްސަލައިގެ އިތުރުން އާއިލީ 18 މައްސަލަ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ އަދި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ ހިމެނެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައިގެ އިތުުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި އީ ޖޫން މަހު ރިޕޯޓު ކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 52 އިންސައްތައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުގެ 41 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު، ޖިންސީ ހާނިއްކައިގެ 36 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 23 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 10 މައްސަލަ ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން އިތުރަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެހެން ކުދިންގެ ފަރާތުންނާއި، އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ހަ މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ އެއް މައްސަލަ ހިމެނެވެ.
ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ އަށް މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ އިތުރުން ވެކްސިން ނުދިނުން އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ މައްސަލަތައް ހިމެނެއެވެ. އާއިލީ 18 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ ފަސް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި ތިން މައްސަލައެއް ހިމެނެއެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލައިސެންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލައާއި މާރާމާރި ހިންގުމުގެ މައްސަލައެއް ހިމެނޭއިރު، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ މައްސަލައާ، ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 20 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވެއެވެ. މީގެ އިތުރުން، ޖިންސީ ހާނިއްކަ ކުރުމުގެ ހަ މައްސަލަ، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ފަސް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައަކާއި، އިހުމާލުވުމުގެ މައްސަލައަކާއި، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގެ އިތުރުން ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް އަދި ފާރަލުމުގެ މައްސަލައެއް މީގެ ތެރޭގައި ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 17 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 10 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތް މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.