ފެނާއި ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި، އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނާ ހިލާފު އަމަލުތައް ނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އީޕީއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފެން އަދި ނަރުދަމާގެ ހިދުމަތް ދޭ ރަށްރަށުގައި، އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނާ ހިލާފު އަމަލުތައް ހިންގާފައި ވާކަމަށް އީޕީއޭއަށް ފާހަގަކުރެވި ފައިވާ ކަމަށެވެ. އެގޮތުން ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި، ރަށުތެރޭގައި ފެން ބޮޑުވުމުން އެ ފެނާއި ދިޔަދޮވި ތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުމުގެ އިތުރަށް، ފެން ބޮޑުވާ ސަރަހައްދު ތަކުގައި ފެން ހިންދުމަށް މޭންރޯލްގެ މަތިގަނޑު ނެގުންފަދަ ކަންކަން ހިމެނޭ ކަމަށް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެއިތުރަށް ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުމާއި، ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދާ ޖަންކްޝަނެއް ބަހައްޓާފައި ހުރުން ފަދަ ކަންކަންވެސް ފާހަގަ ކުރެވޭ ކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ. އީޕީއޭއިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި އަދި ނަރުދަމާ ނިޒާމުތަކަށް ނުހަނު ބޮޑެތި ގެއްލުން ތަކެއް ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާ ކަމަށެވެ.

އަދި ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރު ވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށްވެސް އީޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.