ކުޑަކުދިންތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ އޮންލައިން މީޑިއާ ޕްލެޓްފޯމުގައި ދައުރުވަމުންދާ ދޮގު ޚަބަރަކާ ގުޅިގެން ބަންގްލަދޭޝްގައި 8 މީހަކު މަރާލާފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
މަރާލާފައިވާ މީހުންނަކީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ދެކުނުން އޮންނަ ޕަދްމާ ބުރިޖުގެ މަސައްކަތް ނިންމުމަށް ކުޑަކުދިންތަކެއް ގުރުބާންކުރަން ޖެހޭކަމަށާ، އެ ފައިސާ ހަމަޖެއްސުމަށް ކުޑަކުދިން ގުރުބާން ކުރާ ކަމުގެ ތުހުމަތުތަކެއް ފެންމަތިކޮށް ދޮގު ޚަބަރުގެ ޝިކާރައަކަށްވީ މީހުން ކަމަށް މައުލޫމާތު ލިބެއެވެ.
ބުރިޖު މަޝްރޫއަށް "ކުޑަކުދިން ގުރުބާން ކުރަމުންދާ މީހުން" ކަމަށް ތުހުމަތު ކުރެވޭ މީހުން ހިފާ، އެމީހުން މަރަމުންދަނީ އެކަމަށް ފާރަވެރިވެގެން އުޅޭ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ދޮގު ޚަބަރުތަކާ ގުޅިގެން 30 މީހަކަށް ހަމަލާދީފައިވާކަމަށް ޚަބަރު ލިބެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބަންގްލަދޭޝް ފުލުހުންގެ އިސްވެރިޔާ ޖާވިދު ޕަތުވަރީ ވިދާޅުވީ މަރާލާފައިވާ އެއްވެސް މީހަކީ ކުޑަކުދިން ގުރުބާން ކުރުމަށްޓަކައި އެކުދިން ވަގަށް ނެގުމުގައި ބައިވެރިވި މީހުން ނޫންކަމަށެވެ.
މަރާލާފައިވާ މީހުންގެ ތެރޭގައި 2 ދަރިން ބަލަމުން އަންނަ އެކަނިވެރި މަޔަކުވެސް ހިމެނެއެވެ. އޭނާ މަރާލާފައިވަނީ ސްކޫލްކައިރީގައި ތަޅާ އަނިޔާކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަކީ ކުޑަކުދިން ވަގަށް ނަގާ މީހެއްކަމަށް، ފާރަވެރިވެގެން އުޅޭ ހަމަލާ ދޭ މީހުންނަށް ޝައްކުވީ، ސްކޫލަށް ކުދިން ވެއްދުމާ ބެހޭ މައުލޫމާތެއް އޮޅުންފިލުވުމަށް އޭނާ އެ ސްކޫލު ދޮށަށް ދިއުމުންކަމަށްވެއެވެ.
ބުރިޖުމަޝްރޫއަށް ކުޑަކުދިން ގުރުބާންކުރަންޖެހޭ ކަމަށާ، އެކަން ކުރުމަށް ބަޔަކު ކުޑަކުދިން ބަގަށް ނަގާ، ގުރުބާން ކުރަމުންދާކަމަށް ބުނާ ދޮގު ޚަބަރުތަކެއް ބަންގްލަދޭޝްގައި ދައުރުވާން ފެށީ މީގެ ދެހަފުތާއެއްހާ ދުވަސްކުރިންނެވެ. ފުލުހުންގެ އިސްވެރިޔާ ވިދާޅުވީ މި ޚަބަރުތަކަކީ ގައުމުގެ ހަމަޖެހުން ނަގާލުމަށް ބަޔަކު ފެތުރި ދޮގު ޚަބަރުތަކެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ، ފެތުރިގެން އުޅޭ ދޮގު ޚަބަރާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އަޑުގަދަ ކުރާ ބޭނުންކޮށްގެން ރަށްފުށު ހިސާބުތަކަށްވެސް މެސެޖު ފޯރުކޮށްދެމުންނެވެ.
ބަންގްލަދޭޝްގައި 2010 ވަނަ އަހަރު ބުރިޖެއް އެޅިއިރުވެސް މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. ހަމަ މިފަދައިން 2018 ވަނަ އަހަރު އިންޑިއާގައިވެސް މިފަދަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.