ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބާއި، އެ ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަނުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ނިންމައިފިއެވެ.

މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމެޓީއިން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ 10 ވަނަ ބައްދަލު ވުމުގައެވެ. ޝަހީބާއި ޒައިނާ މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހުއެވެ. އެ ކޮމެޓީ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރު ބައްދަލުވުން ތަކެއްގެ ގޮތުގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ތިން މެންބަރެކެވެ. އެއީ އެ ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު އަދި އައިމިނަތު ސަރާހަތު އިއްޒަތު އަދި އަމްޖަދު ވަހީދެވެ.

ޒައިނާ ބްރޮޑްކޮމް އިން ވަކި ކުރުމަށް ހުށަހަޅައިފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ޒައިނާ ގެ އިތުރުން ބްރޯޑްކޮމް ގެ ކުރީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ސޮފްވާން ވެސް މަގާމުން ވަކި ކުރަން ހުށަހަޅައިފައެވެ. އަދި މަގާމުން ވަކިކުރަން މަޖިލީހުގެ ކޮމެޓީއިން ނިންމި ނިންމުމާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝަހީބާއި ޒައިނާ މަގާމުން ވަކިކުރުމަށް ނިންމާފައި ވަނީ ކުރީގެ ސަރުކާރުގެ ނުފޫޒު އޮތްކަމަށް ތުހުމަތުކޮށެވެ. އަދި އިންސާފުގެ ބޭރުން ބައެއް ޗެނަލްތައް ޖޫރިމަނާ ކުރުމުގެ ތުހުމަތުވެސް އެފަރާތްތަކުގެ މައްޗަށް ވަނީ ކޮށްފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމޓީގެ މީގެ ކުރީގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ކަންކަން ކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް އިއުތިރާޒު ވެފައެވެ.