އެމެރިކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މުސްލިމު މެންބަރުން ބައިވެރިވެގެން އެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ގައުމީ ބައްދަލުވުން ވޮޝިންގްޓަން ޑީސީގައި ފަށައިފިއެވެ.

މި ބައްދަލުވުން ފެށިގެންދިޔައީ ވެސް އިސްލާމް ދީނާ ދެކޮޅު ފިކުރުތަކާއި، ނަސްލީ ތަފާތުކުރުންތަކުގެ މައިދާނުގައި ވައިޓްހައުސް އިން ހައްދުފަހަނައަޅާފައިވާ މިންވަރު ބަޔާންކޮށް އެކަން ކުށްވެރިކުރަމުންނެވެ. މީގެ އިތުރުން، ސިޔާސީ މައިދާނުގައި ތިބި މުސްލިމުންނަކީ މަދަނީ ބައިވެރިވުންތަކުގެ ދަންމަރު ކަމުގައިވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ ތާރީހުގައި ވެސް މިފަދަ ބައްދަލުވުމެއް ފަށާފައި މިވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރޭޓުން ތަމްސީލުކުރައްވަމުން ގެންދަވާ ދޮން ނަސްލު ނޫން އެހެން ނަސްލުތަކާއި، މުސްލިމު އަންހެން މެންބަރުންނަށް އަމާޒުކުރައްވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ފަރާތްޕުޅުން މިފަހަކަށް އައިސް ބޮޑެތި ފުރައްސާރަކުރުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ މަޖިލިސް މެންބަރު އިލްހާން އުމަރު ވެސް ވަނީ މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. ބައްދަލުވުމުގެ މައިދާނަށް އިލްހާން ވަޑައިގެންނެވުމާއެކު، ބައްދަލުވުމުގެ މެންބަރުން ވަނީ އިލްހާންގެ ޝަރަފުގައި ކޮޅަށް ތެދުވެ އޭނާއަށް ހިތްވަރު ދެއްވާ، ތައުރީފުކުރައްވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްހާން ވަނީ އެމެރިކާގެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފައެވެ. އެގޮތުން އެމެރިކާގައި މުސްލިމުންގެ ދެމިއޮތުން ފޮހެލުމަށްޓަކައި އެމެރިކާގެ އަދުގެ ސަރުކާރުން ކުރިމަތިކުރަމުންދާ ފިއްތުންތައް އާންމުންނަށް ފެންނާނެ ފަދަ ގޮތަކަށް ތިލަކުރައްވާނެ ކަމަށް އިލްހާން ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މުސްލިމު މެންބަރުން ބައިވެރިވާ މި ބައްދަލުވުމަކީ ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.