ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޑީއާރްޕީއަށް ސޮއި ކުރައްވާ، އެ ޕާޓީގެ ލީޑަރު ކަމަށް ކައުންސިލުން ދާދި ދެންމެ ހަމަޖައްސައިފިއެވެ.
މިރޭ ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި، އެ ޕާޓީގެ ލީޑަރަކަށް ޖާބިރު ހަމަޖައްސާފައި ވާއިރު، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ހަމަޖެއްސީ، ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އެވެ.
ރަޖިސްޓްރާ އަކަށް, މިދިޔަ ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ކަނޑައަޅާފައި ވާއިރު، ސްޕޯކްސް ޕާސަނަކަށް ހަމަޖެއްސީ ރައީސް އަބްދުﷲ ޔާމީންގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީއެވެ.
ޖާބިރު މިއަދު ޑީއާރްޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ކަމަށް ހަމަޖެހި ވަޑައިގެންނެވި އިރު، އޭނާ ވަނީ ކުރިން މަޖިލީހުގެ އެހެން ދެ މެންބަރަކު ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކުރިން "ދަ ޕްރެސް" އާ ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ވަނީ އެ ޕާޓީގެ ކޮންގްރެސް މި އަހަރު ތެރޭ ބާއްވާނެ ކަމަށާއި، އޭގެ ކުރިން ޖާބިރު ލީޑާޝިޕްގައި ވަގުތީގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ކަމަށް ވެސް އަސާސީ ގަވާއިދު ބުނާގޮތުން ޖާބިރު އައްޔަން ކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކާނަލް ވިދާޅުވީ ޑީއާރުޕީގެ 3 މެންބަރަކު މަޖިލީހުގައި ތަމްސީލްކުރަން ފެށި ޕާޓީ ހިނގައިގަތުމުން، ޕާޓީން ދެން މަސައްކަތް ކުރާނީ ސަރުކާރާ އެއްކޮޅަށްތޯ ނުވަތަ އިދިކޮޅު ޕާޓިއެއްގެ ގޮތުގައި ތޯ ނިންމާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. ޑީއާރުޕީ މިހާތަނަށް ބަލިކަށިވެ، ސިޔާސީ ހަރަކާތް ނުހިންގި އޮތީ ޕާޓީގެ ދަރަންޏާ ހެދިއެވެ. ނަމަވެސް، މިހާރު އެ ދަރަނީގެ ތެރެއިން 15 މިލިއަން ރުފިޔާ ވަނީ ހަލާސްކޮށްފައެވެ.