ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މާލިއްޔަތު ކޮމިޓީއަށް އޮޅުވާލައްވާފައިވާ ކަމަށާއި ދޮގު މައުލޫމާތު ދެއްވި މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު، އެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެދި ފުލުހުންނަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޭންކުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދީފައި ވާނީ ބޭންކުގެ ރެކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތު ކަމަށާ، މަޖިލީސް މެންބަރުން ކޮމިޓީގައި ކުރެއްވި ސުވާލުތަކަށް ވެސް ބޭންކުގެ ފަރާތުން ޖަވާބު ދީފައި ވަނީ ވެސް އެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ބީއެމްއެލް އިން ބުނީ އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެން ދިޔަ ގޮތާ ބެހޭ ގޮތުން ބޭންކުގެ އިންޓާނަލް އޮޑިޓުން ތަހުގީގު ހިންގާފައި ވާނީ ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެން ކަމަށެވެ. އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެކް އިމޭޖިން އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމައަށް، ބީއެމްއެލްގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖަކީވެސް ބީއެމްއެލްގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫން ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކުން ކަމަށާއި އެ ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް އެ ބޭންކުން، އެހެން ބޭންކުތަކުގައި އެދިފައިވާ ކަމަށް ވެސް އެ ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން، އެސްއޯއެފް އެކައުންޓަށް އެންޑޯސް ކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތައް ބީއެމްއެލްގެ ސަމާލުކަމަށް އައީ ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދީފައި ވަނިކޮށް ކަމަށާއި މިހާރު އެކަން އިތުރަށް މުތާލިއާ ކުރަން ވަނީ ފަށާފައެވެ. އަދި އެހެން ބޭންކުތަކުން މި ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާ ކުރުމަށް ފަހު އިތުރު ތަފްސީލް ފޯރުކޮށް ދެވޭނެ ވާހަކަ މިދިޔަ އާދިއްތަ ދުވަހު ސިޓީއެއްގެ ޒަރިއްޔާއިން މަޖިލީހަށް އަންގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅި ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އަދި މަޖިލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އަދާކުރާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އެ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މި ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާާމުގެ ތެރެއިން ހިންގާފައިވާ މުއާމަލާތްތައް ތަހުގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، މި ކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ އެ ބޭންކުން އެދޭގޮތް ކަމުގައި އެ ބޭންކުން ވަނީ ބުނެފައެވެ.
ބޭންކުން މިހެން ބުނެފައި ވާ އިރު، އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތި ދުވަސްވަރުވެސް ޗެކްތައް އާންމުވިއެވެ، އަދި ޖަޒީރާ ޓީވީން ދެއްކި ސްޓީލިން ޕެރަޑައިސް ގައިވެސް ބައެއް ޗެކްތައް ދެއްކިއެވެ.