ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.
ކާނަލް ފަޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ، 2015 ވަަނަ އަހަރު ސެޕްޓެމްބަރު މަހު، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ރިޔާސީ ލޯންޗުކޮޅުގައި ވަޑައިގަންނަވަނިކޮށް، އޭގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ކުށުގައި އިއްވި ހުކުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ކުށުގައި ކުރި ހުކުމެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕާޕާ ވިދާޅުވީ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ހައި ކޯޓުން ނިންމީ މިއަދު ކަމަށެވެ. ހައި ކޯޓުން މި ހުކުމް ބާތިލު ކުރީ، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ، މައްސަލާގައި ތަހުގީގު ކުރަން ޖެހޭ ކަންތައްތައް އެންމެ ރަނގަޅަށް ތަހުގީގު ކޮށްފައި ނުވާތީ ކަމަށް ޕާޕާ ވިދާޅުވިއެވެ.
ކާނަލް ފަޔާޒުގެ މައްޗަށް ކުރި ދެ އަހަރުގެ ޖަލު ހުކުމް އޭނާ ވަނީ މިދިޔަ އަހަރު ތަންފީޒުކޮށް ނިންމާފައެވެ. އެގޮތުން، އޭނާގެ މައްޗަށް ހެކި ނައްތާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ލޯންޗު ގޮވި ހާދިސާ ތަހުގީގު ކުރަން ދިޔަ ފުލުހުންގެ ފޮރެންސިކް ޓީމަށް ހުރަސް އެޅުމަށް އެސްޕީޖީ ސިފައިންނަށް އަމުރުކުރެއްވި ކަމަށް ބުނެއެވެ. ލޯންޗު ގޮއްވާލި ހާދިސާގައި ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ޖަލަށް ލުމުގެ ކުރިން ފަޔާޒު ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްގެން ގެންގުޅެފައި ވެއެވެ.
ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާ ހިނގިއިރު ފަޔާޒަކީ ސިފައިންގެ ބަޑި ގުދަނުގެ ވެރިޔާއެވެ. އަދި މާލޭ އޭރިޔާގެ ކޮމާންޑަރު ކަމާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް(އެސްޕީޖީ) ގެ ވެރިއަކަށް ވެސް ފަޔާޒު ކުރިން ހުންނެވިއެވެ. އެ ހާދިސާ ހިނގިއިރު ފަޔާޒަކީ ކާނަލެއްގެ ރޭންކުގައި ހުންނެވި ބޭފުޅަކަށް ވިއަސް، އެ ހާދިސާއަށް ފަހު އޭނާ ކެޕްޓަނެއްގެ ރޭންކަށް ދަށް ކުރިއެވެ.