ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް އީރާނުން ހިފަހައްޓާފައިވާ އިނގިރޭސިވިލާތުގެ ދިދަޖެހި ތެޔޮ ޓޭންކަރު ސްޓެނާ އެމްޕޭރޯގައި ތިބި އިންޑިއާގެ ފަޅުވެރިން މިނިވަން ކުރުމަށް، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ދާކަމުގެ ޔަގީންކަން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވައިފިއެވެ.

މިދިޔަ ހަފުތާ ބަންދުގައި އީރާނުން ހިފެހެއްޓި ޓޭންކަރުގައި 23 ފަޅުވެރިން ތިބިއިރު އޭގެތެރޭގައި އިންޑިއާގެ 18 ރައްޔިތަކު ހިމެނެއެވެ.

މި ޓޭންކަރު މިހާރު އޮތީ އީރާނުގެ ޕޯޓް އޮފް ބަންދަރު ޢައްބާސްގައެވެ. ފަޅުވެރިންވެސް ތިބީ ޓޭންކަރުގައެވެ. ޓޭންކަރު އޮޕަރޭޓްކުރާ ސްޓޭނާ ބަލްކް ކުންފުނިން ބުނީ، ޓޭންކަރު އޮތް ސަރަހައްދުގައި ހަރަކާތްތެރިވާ އެކުންފުނީގެ އިންޝުއަރަންސް އޮފިޝަލުވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކާފައިވާކަމަށާ، ޓޭންކަރުގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޚަބަރު ލިބިފައިވާކަމަށެވެ.

ޖައިޝަންކަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އޮތް ޓޭންކަރުގައި ތިބި އިންޑިއާގެ ރައްޔިތުން އަވަސް ގޮތަކަށް މިނިވަންކޮށް، އިންޑިއާއަށް އެމީހުން ގެންދިއުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރަމުންދާކަމަށާ، މިކަމުގައި ހަރަކާތްތެރިވަނީ އިންޑިއާގެ ހާރިޖީ ވުޒާރާގެ ޓީމަކުން ކަމަށެވެ. އީރާނުގައި ހުންނަ އިންޑިއާގެ އެމްބަސީއިންވެސް މިކަމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާ، އެގޮތުން އީރާނުގެ ކަމާ ބެހޭ ފަރާތްތަކާއެކު މިކަމުގައި މަސްހޫލުވެގެން އުޅޭކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އީރާނުން ބުނާ ގޮތުގައި، ޓޭންކަރު ހިފަހައްޓާފައިވަނީ އީރާނުގެ މަސް ބޯޓަކާ އެކްސިޑެންޓްވުމަށްފަހު ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ގާނޫނާ ހިލާފަށް އެ ޓޭންކަރުން އަމަލުކޮށްފައިވާތީއެވެ. މިދަނޑިވަޅަކީ އީރާނުގެ ކޮންޓްރޯލް އޮންނަ ބައިނަލްއަގުވާމީ ތެލުގެ ސަޕްލައިގެ މައި ރޫޓެއް ކަމަށްވާ ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ ބޭރުގެ ބޯޓުފަހަރަށް އީރާނުން އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެކެވެ. އީރާނުން މިކަން ކުރަނީ، ވިލާތުގެ އިއްތިހާދުގެ ގާނޫނުތަކާ ހިލާފަށް އީރާނުން ސޫރިޔާއަށް ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް އެކަމަށް ހުޅަނގުން ހުރަސް އެޅި ހިސާބުން ކަމަށް ލަފާކުރެވެއެވެ.