ސްރީލަންކާގެ އަސްކަރިއްޔާއާއެކެ ސްޕެޝަލް ފޯސަސް ކޯޕަރޭޝަން އެގްރީމަންޓެއް އެކުލަވާލުމުގެ މަގުސަދަކީ ސްރީލަންކާގައި އެމެރިކާގެ އަސްކަރީ ބޭހެއް އެޅުން ނޫންކަމަށާ، ނަމަވެސް ސްރީލަންކާގައި އޮތް ބިއުރޯކްރަސީ އެއްފަރާތްކޮށް، އެކަމާ ނުބެހި ކުރިއަށްދިއުން ކަމަށް އެމެރިކާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑާ ވިދާޅުވެއްޖެއެވެ.

ބިއުރޯކްރަސީއަކީ ސަރުކާރުގެ ހިންގުމުގައި ނިންމަޖެހޭ މުހިންމު ނިންމުންތައް ނިންމުމުގައި، އިންތިހާބު ކުރެވިފައިވާ ބައެއްގެ ބަދަލުގައި، ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެފަދަ ކަންކަން ނިންމަވާ އުސޫލުން ހިންގާ ސަރުކާރުގެ ނިޒާމާ ގުޅިފައިވާ ހާލަތަކެވެ.

އެމެރިކާއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑާ އެލެއިނާ ޓެޕްލިޓްޒް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ ސްޓޭޓަސް އޮފް ފޯސަސް (ސޯފާ) އެގްރީމަންޓްގައި އެމެރިކާއިން ސްރީލަންކާގެ ސަލާމަތީ ބާރުތަކާއެކު ސޮއިކުރަން އުޅޭ މައްސަލާގައި ސްރީލަންކާގައި ބޮޑެތި ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ ސްރީލަންކާގެ މިނިވަންކަމާ އިސްތިގުލާލަށް ބޮޑެތި ބުރޫތަކެއް އަރުވާ، ނުރައްކާ ކުރިމަތިކުރާނެ އެއްބަސްވުމެކެވެ.

މީގެ އިތުރުން އެމެރިކާއިން ދަނީ ސްރީލަންކާ ސަރުކާރުގެ ދައުވަތަށް އެމެރިކާގެ އަސްކަރީ ސިފައިން ސްރީލަންކާއަށް ގެނައުމާ ބެހޭ އެއްބަސްވުމެއްގެ މަސައްކަތްވެސް ކުރަމުން ކަމަށް އެމްބެސެޑާ ވަނީ ފާހަގަކުރައްވާފައެވެ.

އެމްބެސެޑާ ވިދާޅުވާ ގޮތުގައި މިފަދަ އެއްބަސްވުންތަކަކީ ސްރީލަންކާއަށް އިންތިހާއަށް މުހިންމު އެއްބަސްވުންތަކެކެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ 2017 ވަނަ އަހަރު ސްރީލަންކާގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކާ ގުޅިގެން އެ ގައުމަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާއަށް ދަތުރުކުރި އެމެރިކާ އަސްކަރިއްޔާގެ މަތިންދާބޯޓުތަކަށް ސަރުކާރުގެ "ކްލިއަރަންސް" ބޭނުންވާ ގޮތަށް އޮތުމެވެ. މިފަދަ ކަންކަމުގައި ވަގުތު ބޭކާރު ކުރުމަށް އެމެރިކާ ބޭނުން ނުވާކަންވެސް އެމްބެސެޑާ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މައި ރޫޓަކާ ދާދި ކައިރީގައި އޮންނަ ގައުމަކަށްވާއިރު، މިފަހަކަށް އައިސް ޗައިނާގެ އިންވެސްޓްމަންޓްތައް އެގައުމުގައި އިތުރު ކުރި ކުރުން ވެފައިވަނީ އެމެރިކާގެ ރާޑަރަށް ސްރީލަންކާ އެރުވި ކަމަކަށެވެ.