ނުކުޅެދުންތެރިކަމުގެ ސަބަބުން ފުރޮޅުލީ ގޮނޑީގައި ދުވަސްތައް ގުނަން ޖެހިފައިވާ 2 ކެންޑިޑޭޓަކު، ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ޔަގީނާ ގާތަށް ކަށަވަރު ކޮށްފިއެވެ. މިއާއެކު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ މެދު ޖަޕާނުން މީގެ ކުރިން ގެންގުޅެމުން ދިޔަ "ފޮރުވާފައި" ބޭތިއްބުމުގެ އާދަ ބަދަލުވަނީ ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޔަސޫހީކޯ ފުނާގޯއަކީ އުރުމުރުން ދުވަސްވީ މީހުންނާ ބަލި މީހުން ބެލުމުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ނައިބު ރައީސްއެވެ. މީގެ އިތުރުން އޭނާއަކީ އެމީޔޮޓްރޯފިކް ލެޓެރަލް ސްލެރޯސިސް (އޭއެލްއެސް)ގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. މިބައްޔަކީ ނާރުތަކުގެ ނިޒާމަށްޖެހޭ ބައްޔެކެވެ. މި ބަލީގެ ޝިކާރައަކުވުމުން، ގައިގެ މަސްތަކުގެ ކޮންޓްރޯލް އެމީހަކަށް ގެއްލިދެއެވެ.

އޭއެލްއެސްގެ ތަކުލީފުތައް އުފުއްލަވަމުންދާ މެމްބަރަކު ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައިވެސް މިވަގުތު އެބަ ހުންނެވިއެވެ. ނަމަވެސް އޭނާއަށް އެ ބަލި ޖެހިފައިވާކަން އެނގުނީ މެމްބަރުކަން ކަށަވަރުކުރެއްވި ފަހުން ކަމަށްވާއިރު، ޔަސޫހީކޯއަކީ މި ބައްޔާއެކު މެމްބަރުކަން ކަށަވަރުކުރެއްވި ފުރަތަމަ ކެންޑިޑޭޓޭވެސް ދެންނެވިދާނެއެވެ.

ޔަސޫހީކޯގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ އިތުރު ކެންޑިޑޭޓަކުވެސް ވަނީ މަޖިލީހުން ޖާގަ ކަށަވަރުކޮށްފައެވެ. އެއީ އެއިކޯ ކިމޫރާއެވެ. އެއިކޯއަކީ ސެރަބަލް ޕަލްސީ (ސީޕީ) ޕޭޝަންޓެކެވެ.

މި ދެކެންޑިޑޭޓުންވެސް މަޖިލީހަށް ވާދަކޮށްފައިވަނީ އިދިކޮޅު ރެއިވާ ޝިންސެންގޫމީ ޕާޓީއިން ކަމަށްވާއިރު، މި ދެ ކެންޑިޑޭޓުންނާއެކު އަބަދުވެސް ސްޕެޝަލިސްޓުން ހަރަކާތްތެރިވަމުންދާނެ ކަމަށް އެޕާޓީން ބުނެއެވެ. ނަމަވެސް މެމްބަރުކަން ކަށަވަރުވުމާއެކު މި ދެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަގީގީ ޒިންމާ އުފުލަންޖެހޭނީ ގާނޫނު ހަދާ މަޖިލީހުން ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ.

ޔަސޫހީކޯއާއި އެއިކޯގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ އިތުރުން ކެންޑިޑޭޓަކު މިހާރުވަނީ ވަނީ ގޮނޑި ކަށަވަރުވުމާ އިންތިހާ ގާތަށް ޖެހިލާފައެވެ. އެއީ ތުއްތު އުމުރުން ފެށިގެން އަޑުއިވުމުގެ ނިއުމަތުން މަހްރޫވުމެވެފައިވާ ރާއީ ސައިތޯއެވެ.