އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ބޮޑެތި ކުށްތަކަކަށް އަރައްވައި ގަންނަ އަދި އިތުރު ޖަރީމަތަކެއްވެސް ހިންގަވާފައިވާ ބޭފުޅެއްކަމަށް ބާރުދޭ ހެކި، އެކަށީގެންވާ މިންވަރަކަށް ހުންނާނެ ކަމަށް ގަބޫލުފުޅުކުރެއްވޭކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އެކުލަވާލާފައިވާ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅި ޑިމޮކްރަޓުންގެ އިސް މެމްބަރު ޖެރާލްޑް ނެޑްލާ ވިދާޅުވެއްޖެއެވެ.

ނެޑްލާ ވިދާޅުވީ، ޓްރަމްޕާ ދެކޮޅަށް ސްޕެޝަލް ކައުންސެލް ރޮބާޓް މިއުލާ ހިންގެވި ހާއްސަ ތަހުގީގުން ލިބިފައިވާ ހެކިތައް، އަންނަ ބުދަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސީގައި ތަފްސީލުކޮށް ހާމަކޮށްދެއްވުމަށް މިއުލާއަށް ދަންނަވަން ވިސްނަވާ ކަމަށެވެ.

ނެޑްލާ ވިދާޅުވީ އެއްވެސް ރައީސްއަކީ ގާނޫނަށްވުރެ މަތީގައި ހުންނެވޭނެ ބޭފުޅެއް ނޫންކަމަށާ، ޓްރަމްޕްގެ ސަރުކާރަކީ ޖަވާބުދާރީ ކުރެވެން ޖެހޭނެ ސަރުކާރެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހަށް މިއުލާ ހާޒިރުކުރައްވައިގެން ސުވާލު ކުރައްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް ޢަޒުލުކުރުމަށް އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ބޭނުންވާ މިންވަރަށް، ސާބިތު ހުރި، ވަރުގަދަ ހެކި ހޯދުންކަމަށް މުރާސިލުން ލަފާކުރެއެވެ.

ޓްރަމްޕް ޢަޒުލުކުރުމާ ބެހޭ ގަރާރެއް ބަލައިގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި މިދިޔަ ހަފުތާގައި ވޯޓެއް ނަގާފައިވާއިރު، އެ ގަރާރު ފާސްކުރުމާ އެއްކޮޅަށް 332 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 95 މެމްބަރެކެވެ.

ޓްރަމްޕާ ދެކޮޅަށް ބަލަމުންދަނީ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ރަޝިޔާގެ ނުފޫޒު ބޭނުންކުރެއްވުމުގެ އިތުރުން ޢަދުލު އިންސާފުގެ ޝަރިއަތަށް ހުރަސް އެޅުއްވިކަމަށް ބުނާ ޖަރީމާތަކެއްގެ މައްސަލަތަކެކެވެ.