ޗުއްޓީއަށް ހޭދަކުރުމަށްފަހު ރާއްޖެދޫކޮށް ދާންޖެހޭތީ ދެރަވާކަމަށް ބޮލީވުޑްގެ މަޝްހޫރު ސުޕާ ސްޓާ ޝާހުރުކް ހާން ބުނެފިއެވެ.
ޝާހު މިހެން ބުނެފައިވަނީ ރާއްޖެއަށް ޗުއްޓިއަށް އައުމަފަހު މިއަދު ފުރުމުގެ ކުރިން ކުރި ޓްވީޓެއްގައެވެ.
ޝާހުރުކް އާއިލާއެކު ރާއްޖެއައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރުމުގެ ކުރިން ޝާހުރުކް ވަނީ މާލޭގެ މަލަަތި ފެންނަ ވިޑިއޯއެއް ޓްވީޓްކޮށްފައެވެ.
ޝާހުގެ ޓްވީޓުގައި ބުނެފައިވަނީ ރާއްޖެ ދޫކޮށްދާން ޖެހޭތީ ދެރަވާ ކަމަށެވެ. އަދި ހާއްސަކޮށް ޗުއްޓީ ހޭދަކުރި ޖުމެއިރާ ވިޓަވެލި ރިސޯޓުގެ މުވައްޒަފުން ދޫކޮށްދާންޖެހޭތީ ދެރަވާކަމަށް އޭނާ ބުނެފައިވެއެވެ. ޝާހު ވަނީ އޭނާއަށް ލިބުނު މެހެމާންދާރީއަށް ޝުކުރުއަދާކޮށްފައެވެ.
ޝާހު ރާއްޖެއައިކަން މީޑިއާތަކަށް ތިލަވީ ވެލާނާ އެއާޕޯޓްގައި ހަގު ދަރިފުޅު އަބުރާމް އަތުގައި ހިފައިގެން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވުމުންނެވެ. މި ފޮޓޯތަކުގައި އޭނާ ދޮށީ ދެ ދަރިން ކަމަށްވާ ސުހާނާ އާއި އާރްޔަން ވެސް ފެނެއެވެ.