ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ އެމެޖެންސީ ޕްލޭނިން ކޮލެޖާ އަދި ރާއްޖެއާއި ބޭރުގެ ކަމާބެހޭ ބައެއް ފަރާތްތައް ގުޅިގެން އެމެޖެންސީ ހާލަތްތަކަށް ތައްޔާރުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ސިއްހީ ދާއިރާއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން މަންދޫބުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެޖެންސީ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާ އަދި އެފަދަ ކަންކަމަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ.

އެމެޖެންސީ ޕްލޭނިންގ ކޮލެޖްގެ ފަރާތުން ސެޝަންތައް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންއާއި ޖަކާޓާ ސެންޓަ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން (ޖޭސީއެލްއީސީ) ގުޅިގެން ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.