މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހެޑް އޮފީސް ފަޅާލާ، ލިޔެކިއުންތަކެއް ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގީ، އެމްޕީއެލްގެ އެޗްއާރު ޑިޕާޓްމަންޓްގެ ބެލްކަނީ ތެރެއިން ކުޑަ ދޮރެއް ހަލާކު ކޮށްގެން ކަމަށާއި، އެ އިމާރާތަށް ވަނުމުގެ ތެރޭގައި ސީސީޓީވީ ކެމެރާތައް ވެސް ހަލާކު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ 9:45 ހާއިރު އެމްޕީއެލްގެ ހެޑް އޮފީހަށް ވަނދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އާމުންނާއި ދައުލަތުގެ މުދާ ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުން ދިޔަ ނަމަވެސް ދުވަހެއް ދުވަހަކަށް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިފަހުން ހިނގާފައިވާ މިފަދަ ހާދިސާތަކަށް ބަލާއިރު، މިދިޔަ ބުރާސްފަތި ދުވަހު، ގދ. ތިނަދޫގައި ހުންނަ ޕޯސްޓު އޮފީސް ފަޅާލައިފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި ހާދިސާގައި، އެތަނުގައި ހުރި ޕާރުސަލްތައް ކަނޑައި އެއިން ވައްކަން ކުރުމުގެ އިތުރުން، އެތަނުގައި ހުންނަ ތިޖޫރީއެއް ފަޅާލަން މަސައްކަތް ކޮށް، އެކަން ވަނީ ނާކާމިޔާބު ވެފައެވެ.