އިންޑިއާގެ މައި އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ކޮންގްރެސް ޕާޓީގެ ލީޑާޝިޕުން ކުރިން ފެނިގެން ދިޔަ ޝީލާ ދިކްޝީތްއަކީ ވެރިރަށް ނިއުދިއްލީގެ ތަރައްގީއަށްޓަކައި ފާހަގަ ކޮށްލެވޭ ހިދުމަތްތަކެއް ކުރެއްވި ފަރާތެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޝީލާ ދިކްޝީތްއާއި ބެހޭ ގޮތުން މޯދީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ކުށްލި ގޮތަކަށް ޝީލާ މި ދުނިޔެއާއި ވަކިވެގެން ދިއުމާ ގުޅިގެން އެކަމާ ހިތާމަ ފާޅުކުރައްވާ، އާންމުކުރެއްވި ޓްވީޓެއްގައެވެ.

ދިއްލީގެ ޗީފް މިނިސްޓަރުކަން 3 ފަހަރެއްގެ މަތިން ކުރައްވާފައިވާ ޝީލާ ދިކްޝީތު ނިޔާވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ ކާޑިއެކް އެރެސްޓަކަށްފަހުގައި ކަމަށް ޚަބަރު ލިބެއެވެ.

ބޮޑުވަޒީރު މޯދީގެ އިތުރުން އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުވެސް ވަނީ ޝީލާ ނިޔާވުމާ ގުޅިގެން އެކަމާ ހިތާމަފާޅުކުރައްވާ ޓްވީޓްކުރައްވާފައެވެ. އެގޮތުން، ޝީލާގެ ވެރިކަމުގައި ދިއްލީއަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެން ދިޔަ ކަން ރައީސްގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝިލާގެ ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މިއަދުގެ ވަގުތެއްގައެވެ.