ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެނިފުޅަށް މިއަދު 50 އަހަރު ފުރިއްޖެއެވެ.

ރައީސް މައުމޫނާއި މެޑަމް ނަސްރީނާ ކައިވެނި ބައްލަވައިގަތީ، 1969 ވަނަ އަހަރު، ޖުލައި 20 ވަނަ ދުވަހެވެ. މިއަދު އެ ކައިވެނިފުޅަށް 50 އަހަރު ފުރުނު އިރު، ރައީސް މައުމޫންގެ ދެކަނބަލުން އެންމެ ފުރަތަމަ ބައްދަލުވެ ވަޑައިގެންނެވީ 1965 ވަނަ އަހަރު މިސްރުގެ ވެރިރަށް ގާހިރާ އިންނެވެ. ކައިވެނި ބައްލަވައިގަތް އިރު، ނަސްރީނާގެ އުމުރުފުޅުން 19 އަަހަރުވީ އިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 31 އަހަރެވެ.

ރައީސް މައުމޫން އަދި މެޑަމް ނަސްރީނާގެ ކައިވެނިފުޅަށް ލިބިވަޑައިގެންނެވީ ހަތަރު ދަރިންނެވެ. އޭގެ ތެރެއިން ނަސްރީނާގެ އުމުރުފުޅުން އެންމެ 20 އަހަރުގައި، އެންމެ ފުރަތަމަ ލިބިވަޑައިގަތީ އެއްމާބަނޑު ދެ އަންހެން ކުދިން ކަމަށްވާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އަދި އެއަށްފަހު، އެކަމަނާގެ އުމުރުފުޅުން 21 އަހަރުގައި ފުރަތަމަ ފިރިހެން ދަރިފުޅު ކަމަށްވާ ފާރިސް މައުމޫން ލިބިވަޑައިގެންނެވިއެވެ. ދެވަނަ ފިރިހެން ދަރިފުޅު، އަދި އެންމެ ހަގު ދަރިފުޅު ކަމަށްވާ ގައްސާން މައުމޫން ލިބިވަޑައިގެންނެވީ ނަސްރީނާގެ އުމުރުފުޅުން 40 އަހަރުގައެވެ. އެންމެ ހަގު ދަރިފުޅު ލިބިވަޑައިގަތީ ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ފަހުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް
ގައިމު، ލޯބީގައި މޮޅު، ރީތި އެތައް ކަމެއް ހިމެނޭ. ލޯބިވާ އަނބިކަނބަލުން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި އަޅުގަނޑު ﷲ އަށް ޝުކުރު ކުރަން
ރައީސް މައުމޫން

މީގެ ކުރިން ރައީސް މައުމޫން ވިދާޅުވެފައިވާ ގޮތުގައި، ނަސްރީނާއަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި އެ ކަމަނާ އަށް ލިބިވަޑައިގެންފައި ވަނީ ގަދަފަދަ ބާރުފުޅެއް ކަމަށާއި، ކަމަނާގެ ހިތްވަރުފުޅު ގަދަކަން އާދަޔާ ހިލާފް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، ނަސްރީނާ ހުންނެވީ ބަލި ނުކުރެއްވޭނެ ފަދަ ހިތްވަރުފުޅެއްގައި ކަމަށާއި، އެ ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް ކަމަށެވެ.