ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި އެގައުމުގެ ކޯރުތައް ފުރި، އައްސޭރިފަށުގައި ޖަހާފައިވާ ސަލާމަތީ ތޮށިތައް ފަޅައިގެން ގޮސް އެއްގަމަށް ފެންގަނޑު އަރައިގެން އައުމުގެ ސަބަބުން 400000 އެއްހާ މީހުންނަށް އެހެން ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބިންތިރި ގައުމުތަކުގެ ލިސްޓުގެ ކުރިން ޖާގަ ދެމުން އަންނަ ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، އެގައުމުގެ 23 ޑިސްޓްރިކްޓެއް މިހާރުވެސް އޮތީ ފެނު އަޑީގައި ކަމަށް ޚަބަރު ލިބެއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ބަންގްލަދޭޝްއަށް ކުރަން ފެށީ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދު ކަމަށްވާ ބޮގްރާ ޑިސްޓްރިކްޓް އޮފިޝަލެއް ކަމަށްވާ ރައިހާނާ އިސްލާމް ވިދާޅުވީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހިފައިވާ މީހުންނަށް ހާއްސަކޮށްގެން ބަންގްލަދޭޝް ސަރުކާރުން 1000 ވަގުތީ ހިޔާ ޔުނިޓް ހަމަޖައްސާދީފައިވާކަމަށެވެ. ނަމަވެސް ބޮޑުވެފައިވާ ފެންގަނޑު ފުންކަމުންނާ، މުއާސަލާތީ ހިދުމަތްތައް މެދުކެނޑިފައި އޮތުމުގެ ސަބަބުން، ހާލުގައި ޖެހިފައި ތިބި ގިނަ އާއިލާތަކަށް އަދިވެސް ވަގުތީ ހިޔާތަކަށް އާދެވިފައި ނުވާކަން ރައިހާނާ ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތްއިރު، ގަދަވިއްސާރައިގެ ސަބަބުން ބަންގްލަދޭޝްގެ ދަނޑުބިންތަކަށާއި ނާމްސޫފު ދަނޑުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.

ބަންގްލަދޭޝްގެ ވޯޓާ ޑިވަލޮޕްމަންޓް ބޯޑުގެ އެގްޒެކެޓިވް އިންޖިނިއަރު އާރިފުލް އިސްލާމް ވިދާޅުވީ، މި އަހަރު ކުރަމުންދާ ވިއްސާރައިގެ ގެއްލުން ފާއިތުވީ ކައިރި މާޒީގެ އެހެން ހުރިހާ އަހަރުތަކަށް ވުރެ ބޮޑު ކަމަށެވެ.

ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ މޫސުމީ ގަދަވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނޭޕްލާއަށެވެ. މި ވިއްސާރައިގެ އަސަރު ޕާކިސްތާނާ އާއި އިންޑީއާއަށް ވެސް ކޮށްފައިވާއިރު މި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެސް ވެފައެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީލަންކާއަށްވެސް މި ވިއްސާރައިގެ އަސަރު ކޮށްފައިވާއިރު އެގައުމުން 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ވިއްސާރައިގެ އަސަރު ސްރީލަންކާއިން އެންމެ ބޮޑަށް ކޮށްފައިވަނީ ރަތުނަޕޫރާއާއި ނުވަރައެލިޔާއަށެވެ.