މިއަހަރުގެ ހައްޖަށްދާ ދިވެހި ހައްޖާޖީން ފުރުމަށް ފަސޭހަ އިންތިޒާމްތަކެއް އިސްލާމިކް މިނިސްޓްރީއާ އެމްޓީސިސީ ގުޅިގެން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ފުރާ ހައްޖުވެރިންގެ ތެރެއިން ހުޅުމާޅެ އަދި ވިލިމާލެއިން ފުރާ ހައްޖުވެރިންނަށާއި، ހައްޖުވެރިންގެ އާއިލާތަކަށް އެއާޕޯޓަށް ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލެއިން ފުރާ ހައްޖުވެރިންނާއި ހައްޖުވެރިންގެ އާއިލާތަކަށް ހާއްސަ ބަސްތަކެއް ހުންނާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލުން ހައްޖުވެރިންނަށް އެއާޕޯޓަށް ދެވޭނެގޮތް ހަމަޖައްސާފައިވާނެކަމަށެވެ.

މީގެ އިތުރުުން ވިލިމާލެއިން ފުރާ ހައްޖުވެރިންނާއި ހައްޖުވެރިންގެ އާއިލާތަކަށް ހާއްސަކުރެވިފަިއވާ ފެރީތަކުން ވިލިނގިލި ފެރީޓާމިނަލްއިން މާލެ ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ވިލިނގިލި ޓާމިނަލްއިން މާލޭ ބަސްޓާމިނަލްއަށް ހައްޖުވެރިން ގެންދިއުމުގައި އެމްއެންޑީއެފުން އެހީތެރިވާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އާދީއްތަ ދުވަހު ހެނދުނު ފުރަތަމަ ފުރުމަށް ހަމަޖެހިފައި ވަަނީ ޒައީ ގްރޫޕުން ހައްޖަށް ދާ 84 ހައްޖުވެރިންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުން ނިންމާފައި އޮތް އެއް ނިންމުމަކީ މާލެ، ވިލިމާލެ، އަދި ހުޅުމާލެއިން އެންމެހާ ހައްޖުވެރިންނާއި އެ ބޭފުޅުންގެ ގާތް އެކުވެރި ރަހުމަތްތެރިންނާ އާއިލާތައް ހަމަ އެއްކޮށް ހިލޭ ސާބަހަށް، ފެރީ އަދި ބަސް ބޭނުންކޮށްގެން އެއާޕޯޓަށް ގެންގޮސްދިނުން ކަމަށެވެ.