ސިނގިރޭޓު ބުއިމުގެ ސަބަބުން ކުރިމަތިލާންޖެހޭ ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ތަސްވީރުތައް ހިމަނައިގެން ސިނގިރޭޓާ ދުރުކުރުވުމަށް ކެމްޕޭން ފެށިތާ އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން، އެކި މީހުންގެ ހަށިގަނޑަށް ލިބިފައިވާ ޖިސްމާނީ އުނިކަމުގެ ވާހަކަތައް ބަޔާންކޮށްދޭ ތަސްވީރުތައް ގިނަ އަދަދަކަށް ބޭނުންކޮށްފައި ހުރެއެވެ. މިފަހަރު ފެންމަތިވެގެން އުޅެނީ ތަފާތު މައްސަލައެކެވެ. ފަރަންސޭސިވިލާތަށް އުފަން ފިރިހެނަކު ބުނާ ގޮތުގައި ސިނގިރޭޓު ފޮށިތަކުގައި ބޭނުން ކޮށްފައިވާ ތަސްވީރު ތަކުގެ ތެރެއިން އެއް ތަސްވީރުން ފެންނަނީ އޭނާއަށް ލިބިފައިވާ ޖިސްމާނީ ނުކުޅެދުންތެރި ކަމެކެވެ.
އެ ތަސްވީރުން ފެންނަނީ ފައިގެ ކަކުލާ އުކުޅުވަޅާ ދެމެދު ހިސާބަކުން ވާތު ފައި ބުރިކޮށްލާފައި އޮންނަ މަންޒަރެވެ. އަދި ސިނގިރޭޓު ބުއިމަކީ އާޓަރީތައް ބައްދާލާ ކަމެއް ކަމަށް ބުނެ އިންޒާރުގެ މެސެޖެއްވެސް ލިޔެފައި އޮވެއެވެ. އުމުރުން 60 އަހަރުގެ ފިރިހެން މީހާ ބުނާ ގޮތުގައި އޭނާގެ ފޮޓޯ ސިނގިރޭޓު ފޮށީގައި ޖަހާފައިވަނީ އިއުތިރާޒެއް އޮތްތޯވެސް ބަލައި ނުލައެވެ. މިއީ އަދި ބޮޑު މައްސަލައެއް ނޫނެވެ. މައްސަލައަކަށްވީ އޭނާގެ ފައި ބުރިކޮށްލަން ޖެހުނު ސަބަބެވެ. މިމީހާ ބުނާ ގޮތުގައި ފައި ބުރިކޮށްލަން ޖެހުނީ 1997 ވަނަ އަހަރު އަލްބޭނިއާގައި ހިނގާ ދިޔަ ހަމަނުޖެހުން ތަކެއްގައި ބަޑީގެ ހަމަލާއެއް އަމާޒުވެގެން ލިބުނު ޒަހަމްތަކެއްގެ ސަބަބުންނެވެ. ވީއިރު ސިނގިރޭޓު ފޮށީގެ ބޭރުގައި އެ ފޮޓޯ ޖަހަން އޭނާ ބޭނުން ނުވުމުގެ ހައްގު އެބައޮތްތާއެވެ.
ސިނގިރޭޓު ފޮށީގެ ބޭރުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއެއް ކަން މި ފިރިހެން މީހާއަށް އެނގުނީ އޭނާގެ ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. އެއީ އެ ދަރިފުޅަށް ގަނެވުނު ސިނގިރޭޓު ފޮށީގައި ޖަހާފައިވާ ފޮޓޯއެވެ. އެ ފޮޓޯއިން ފެންނަ މީހާގެ ފައިގެ ލަކުނުތަކާ ނިޝާންތައް، 60 އަހަރުގެ ބައްޕަގެ ފައިގެ ނިޝާންތަކާ ލަކުނުތަކާ އެއްވެސް ތަފާތެއް ނެތެވެ.
އާއިލާއިން ގަބޫލުކުރާ ގޮތުގައި މި ފޮޓޯއަކީ، ހިނގުމަށް އެހީއެއްގެ ގޮތުގައި ބޭނުންކުރާ އާލާތްތަކެއް ހޯދުމަށް 2018 ވަނަ އަހަރު ހޮސްޕިޓަލަށް ގޮސް ނެގި ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. ކަންމިހެން އޮތް ނަމަވެސް، 2017 ވަނަ އަހަރު ވިލާތުގެ އިއްތިހާދުން ބޭނުންކުރި ތަސްވީރުތަކެއްގެ ތެރޭގައިވެސް މި ފޮޓޯ ހިމެނޭ ކަމަށް ބުނާ ޚަބަރެއް ވަނީ ފެންމަތި ވެފައެވެ.
ދެން އޮތީ ހޮސްޕިޓަލުގެ ބަހަކަށް މަޑުކުރުމެވެ.