ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުން އެގައުމުގެ ޑްރޯން އެއް ގެއްލިގެން ނޫޅޭ ކަމަށް އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބު ޢައްބާސް އަރަގުޝީ ވިދާޅުވެއްޖެއެވެ.

އަރަގުޝީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ހޮރުމޫޒު ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ މަނަވަރަކުން، އީރާނުގެ ޑްރޯން އެއް ވައްޓާލާފައި ވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވި ވިދާޅުވުން ދޮގު ކުރައްވަމުންނެވެ.

ޓްވިޓާ މެދުވެރި ކުރައްވާ، ޓްރަމްޕްގެ ވާހަކަފުޅު ތަކަށް އިންކާރު ކުރައްވަމުން އަރަގުޝީ ވިދާޅުވީ ހޮރުމޫޒު ކަނޑުއޮޅިންނާއި އެނޫންވެސް ސަރަހައްދަކުން އީރާނުގެ ޑްރޯން އެއް މަދު ނުވާ ކަމަށާ، އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުން ވައްޓާލާފައި އެވަނީ ޚުދު އެމެރިކާގެ ޑްރޯން އަކަށް ވުން އެކަށީގެންވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް. ބޮކްސާއާއި އޭގެ ފަޅުވެރިންނަށް ނުރައްކާވާހާ ކައިރިން ދަތުރު ކުރަމުން ދިޔަ ޑްރޯންގެ ސަބަބުން އަސްކަރީ ފިޔަވަޅު ވަނީ އަޅާފައެވެ. އެގޮތުން އެމެރިކާގެ މަނަވަރާ 914 މީޓަރު ކައިރިއަށް ޑްރޯން ވަނުމާއެކު، އެހިނދުން އެހިނދަށް ޑްރޯންއަށް ހަމަލާދީ، ނައްތާލާފައި ވާކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

މިފަހަކަށް އައިސް އެމެރިކާއާއި އީރާނާ ދެމެދު ހިނގާ މިފަދަ ދެބަސްވުންތަކާ ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ. އަދި މެދުއިރުމަތީގެ ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގާ، ހަނގުރާމައެއް ފެށިދާނެ ބިރުވެރިކަން މިދަނޑިވަޅުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ.