އިންޑިއާ ފަސްގަނޑުގެ ކޮންމެ އިންޗިއެއް ވަކިވަކިން ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް އެގައުމަށް އެތެރެވެގެން އުޅޭ މީހުން، ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު، އިންޑިއާގެ ޔޫނިއަން މިނިސްޓަރު އަމީތު ޝާހު ދެއްވައިފިއެވެ.

ގާނޫނު ހަދާ މަޖިލީހުގައި މެމްބަރަކު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީތު ވިދާޅުވީ މިކަމަކީ ބީޖޭޕީގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާނެ ކަމެއް ކަމަށެވެ.

އިންޑިއާއާއި އެހެން ގައުމުތައް ހިއްސާކުރާ ބައިނަލްއަގުވާމީ ބޯޑަރުތައް ހުރަސްކޮށް ގަވައިދާ ހިލާފަށް އެތެރެވާ މީހުން ދެނެގަނެ އެފަދަ ފަރާތްތައް ހޯދުމަށް ވަރުގަދަ މަޝްރޫއެއް ފަށާފައިވާކަންވެސް އިންޑިއާގެ ސަރުކާރުން ވަނީ ނިމިގެން މިދާ ހަފުތާގެ މެދެއްހާ ހިސާބުގައި އިއުލާންކޮށްފައެވެ. އެގޮތުން، ފެންސްޖެހުމާ، ބޯޑަރު އައުޓްޕޯސްޓައް ގާއިމުކުރުން ފަދަ މަސައްކަތްތައް މިހާރުވެސް ކޮށްފައިވާކަން އިންޑިއާ ސަރުކާރުންވަނީ ފަހާގަކޮށްފައެވެ.

އިންޑިއާއިން މިހާރު ދަނީ އެގައުމުގެ ރައްޔިތުންގެ ގައުމީ ދަފުތަރު މުރާޖައާ ކުރަމުންނެވެ. މިމަސައްކަތް ކުރިއަށްދަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. މި ދަފުތަރު ފުރިހަމަކޮށް ނިންމުމުގެ ސުންގަޑިއެއް ކަމުގައި ކަނޑައަޅާފައި ވަނީ މިހިނގާ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

މިދަފުތަރަކީ އިންޑިއާގެ "މައުސޫމު" ރަށްވެހިންނާ ގަވައިދާ ހިލާފަށް އެގައުމުގައި ދިރިއުޅޭ މީހުން ކަނޑައެޅި، އެފަދަ ފަރާތްތައް ވަކިކުރެވިގެންދާނެ ދަފުތަރެކެވެ.