އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލުކުރައްވަމުންގެންދަވާ ދޮން ނަސްލު ނޫން އެހެން ނަސްލުތަކަށް ނިސްބަތްވެވަޑައިގަންނަވާ 4 މެމްބަރަކަށް އަމާޒުކުރައްވާ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަމާޒުކުރެއްވި ފުރައްސާކުރެއްވުންތައް އިތުރަށް ވަރުގަދަ ކުރައްވާ، ބޮޑެތި ފާޑުވިދާޅުވުންތަކެއް އެ މެމްބަރުންނަށް އަމާޒުކުރައްވައިފިއެވެ.

2020 ވަނަ އަހަރުގެ ރިޔާސީ ރޭހަށް އަމާޒު ކުރައްވައިގެން ކުރިއަށް ގެންދެވި ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މެމްބަރުންނަކީ ނަފުރަތުން ފުރި، ހައްދުފަހަނައަޅާ ގޮސްފައިވާ ބައެއް ކަމަށެވެ. މި މެމްބަރުންނަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ބައެއްކަމުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ، މިމެމްބަރުންނަކީ އެމެރިކާ ރޫޅާ، ކުދިކުދި ކޮށްލުމަށް މަސައްކަތް ކުރާ މެމްބަރުން ކަމަށްވެސް ސިފަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެ މެމްބަރުންނަށް އެމެރިކާ ކަމު ނުދާކަމުގައި ވަނީނަމަ އެމެރިކާ ދޫކުރައްވާ، އެމެމްބަރުންގެ ނަސްލުގެ އަސްލު ވަޒަނަށް ވަޑައިގަތުމަށްވެސް ގޮވާލައްވާ، އެމެރިކާއިން ފޭބުމަށް ކުރައްވާ ޑިމާންޑް ތަކުރާރުކުރައްވާފައެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ޓްރަމްޕް ކުރިމަތިކުރައްވަން ފެއްޓެވި ފުރައްސާރައާއި ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ވަނީ ޓްރަމްޕްއާއި ދެކޮޅަށް ގަރާރެއްވެސް ފާސްކުރައްވާފައެވެ. އެ ގަރާރު ފާސްކުރެއްވުމާއެކު ޓްރަމްޕްގެ ފާޑުވިދާޅުވުންތަކުގެ އަޑުފުޅަށް އިތުރަށްވީ ގަދައެވެ.

ޓްރަމްޕް ވަނީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ނަސްލުތަކުގެ ހިޖުރަވެރިންނަށް އެންމެ ރަނގުވާނީ އެމެރިކާ އިސްލާހު ކުރަން އުޅުމުގެ ބަދަލުގައި، އެ މީހުންގެ ނަސްލުގެ އަސްލު އޮތް ގައުމުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، އެމެރިކާ ދޫކޮށް އެގައުމުތަކަށް ދިއުން ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ވަކިން ހާއްސަކޮށް އަންހެން މެމްބަރުންނަށް އިޝާރަތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ މެމްބަރުންގެ ނަސްލީ ވަޒަނަކީ ކޮރަޕްޓްވެފައިވާ ގައުމުތަކެއް ކަމަށާ، ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ތަނަކަށް ކުފޫ ހަމަވާ ސަރުކާރެއް ނޫންކަމަށެވެ. މިފަދަ ހާލެއްގައި ތިބި ބަޔަކު އެމެރިކާއަށް އައިސް، އެމެރިކާގެ ސަރުކާރު ހިނގަންވީ ގޮތް، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގެ އުފަން ވަޒަންވެރިންނަށް ކިޔައިދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްވީޓާ މެދުވެރިކުރައްވާ ޓްރަމްޕް މި ހަމަލާތައް އަމާޒުކުރައްވާފައިވަނީ ނިއުޔޯކްގެ މެމްބަރު އެލެކްޒެންޑްރިއާ އޮކާޒިއޯ-ކޯޓޭޒް، މިނެސޯޓާގެ މެމްބަރު އިލްހާން އުމަރު، މިޗިގަންގެ މެމްބަރު ރަޝީދާ ތޯލިބު މެސަޝޫސެޓްސްގެ އަޔާނާ ޕްރެސްލީއަށް ކަމަށް މުރާސިލުން ލަފާކުރެއެވެ. މިމެމްބަރުންގެ ތެރެއިން އެމެރިކާއިން ބޭރު ގައުމަކަށް އުފަންވީ އިލްހާން އުމަރެވެ. ދެން ތިއްބެވި މެމްބަރުންނަކީ އެމެރިކާއަށް ހިޖުރަކުރި އެކި ދަރިކޮޅުތަކުގެ މީހުންނަށް، އެމެރިކާގައި އުފަންވި ކުދިންނެވެ.