ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އިސްވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށް މިއަދު އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނަކީ ސިޔާސީ ނުފޫޒުން ފުރިގެންވާ ބަޔާނެއް ކަމަށް ރައީސް ޔާމީނުގެ ދައުރުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.

ލަމްއާން ވިދާޅުވީ ފެނަކައިން މިއަދު ނެރެފައިވާ ބަޔާނަކީ ޒިންމާދާރުކަން ކުޑަ، ދަށުދަރަޖައިގެ، ސިޔާސީ ނުފޫޒުތަކުން ފުރިފައިވާ ބަޔާނެއް ކަމަށާއި، އަދި އެ ބަޔާނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލައި އަދި މުވައްޒަފުންގެ އަގުވައްޓައި ލެވުނު ބަޔާނެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށެވެ. މި ކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ދައުރުގައި ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ޔަގީން ކޮށްދިން ކަމަށާ އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު 24 ގަޑިއިރު ކަރަންޓު ނުދެވި އެކަން ބޮއްސުން ލައިގެން ދިއުމީ ރައީސް ޔާމީނާއި، އޭރުގެ ފެނަކަ ހިންގަން ތިއްބެވި ވެރީން ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ފެނަކައިން ނެރުނު ނޫސް ބަޔާނުގައި ވަނީ މީގެ ކުރިން ފެނަކައިގެ ވެރިންގެ ގޮތުގައި ތިއްބެވި ފަރާތަތަކުން މިހާރު ފެނަކައިގެ މުވައްޒަފުންގެ އަބުރާއި ކަރާމާތް ގެއްލުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އޭރު ފެނަކައިން ރަށްތަކަށް ކަރަންޓު ފޯރުކޮށް ދިނުމަށް އޮތީ ނުކުޅެދިފައި ކަމަށާ، އެކަންކަން އެގޮތަށް ހިނގާފައި ވަނީ އޭރުގެ ވެރިންގެ ޒިންމާދާރުކަން ކުޑަކަމުންނާއި، ކުންފުނި ހިންގުމުގައި ކޮރަޕްޝަނުގެ މުއާމަލާތްތަކެއް ކޮށްގެން ކަމަށް ފެނަކައިން ބުނެއެވެ. އަދި އެފަދަ އަމަލުތައް ހޯދައި އެކަމަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަމަޔަށް ފެނަކައިގެ އިސްވެރިން ފެނަކަ ހިންގަވާފައި ވަނީ "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ހިތުހުރި ގޮތަކަކަށް ކަމަށް ފެނަކައިން ވަނީ ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް މި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ މި ސަރުކާރުން ކަރަންޓުގެ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށް ދިނުމަށް އިހުމާލު ވަމުން އަންނަ ކަމަށް ބުނަމުންނެވެ.