މީގެ ކުރިން ފެނަކަ ކުންފުނީގެ އިސް ފަރާތްތަކުގެ ހިތަކަށް ކުންފުނި ލިބުމުން އެ ކުންފުނި ހިންގާފައި ވަނީ "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ ރައީސް ނަޝީދުގެ ވެރިކަމަށް ފަހު 2012 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކުންފުނި އުފައްދައި އެކުންފުނީގެ ހިންގުމާ ހަވާލުވި ފަރާތަތަކުން ފެނަކަ ހިންގާފައި ވަނީ ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި އޭރުގެ ކުންފުނީގެ ވެރިން އެ ކުންފުނި ހިންގީ ހިތުހުރި ގޮތަކަށް ކަމަށެވެ. ފެނަކައިން މިހެން ބުނެފައި ވަނީ ފެނަކައިގެ ކުރީގެ އިސް ފަރާތްތަކުން އެކުންފުނީގެ ބައެއް މުވައްޒަފުން ބޮލުގައި ތުހުމަތުތަކެއް އަޅުވައި އެ ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަތަކެއް ފަތުރަމުން ދާކަމަށް ބުނެ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
ފެނަކައިން ބުނީ 2012 ވަނަ އަހަރުގެ ތެރޭގައި އޭގެ ކުރިން އަތޮޅުތަކުގައި ހުރި ރައްޔިތުންގެ އިންޖީނުގެ ތައް ފެނަކައިގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވީނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް އައުމުގެ ކުރިން، ރަށްރަށުގައި ދެމުންދިޔަ ކަރަންޓުގެ ހިދުމަތަށް ދާއިމީ ހައްލެއް ލިބިފައި ނުވާކަމަށެވެ. އަދި އެކަމާ ފެނަކައިން ހިތާމަ ކުރާކަމަށްވެސް އެ ކުންފުނިން ނެރުނު ނޫސް ބަޔާނުގައި ވެއެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ 6 އަހަރުގެ މާޒީގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހުނު ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނި އޮތީ ނުކުޅެދިފައި ކަމަށެވެ. އަދި އެ ކުންފުނި ހެންގެވުމާ ހަވާލުވެގެން ތިބި ފަރާތްތަކުން ނާޖާއިޒް ފައިދާ ނަގަމުން ދިޔަކަންވެސް އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ވެއެވެ. އަދި މިހާރު ކުރިން އެ ކުންފުނި ހިންގުމާ ހަވާލުވެ ތިބި ފަރާތަތަކުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް މަސައްކަތް ކުރިކަމުގައިވީ ނަމަވެސް އެކަން ނުކުރެވޭނެކަމަށް ފެނަކައިން ބުނެއެވެ.
މިހާރުވެސް މީޑިއާތައް މެދުވެރިކޮށް ފެނަކައިގެ މުވައްޒަފުންގެ އަބުރާއި ކަރާމަތް ގެއްލުވާލުމަށް އޭރުގެ އިސްވެރިން މަސައްކަތް ކުރަމުންދާކަން ފާހަގަކުރަމުން ފެނަކައިން ބުނީ އެ ކުންފުނީގައި މިހާތަނަށް އެއްވެސް މިސްރާބު އޮޅޭފަދަ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި އެކަން އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ފެންނަން އޮންނާނެ ކަމަށެވެ.
މީގެ ކުރިން ފެނަކަ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް، މައުލޫމާތު އެނގޭ މުވައްޒަފުންގެ ކިބައިންނާއި ކުންފުނީގެ ލިޔެކިއުންތަކުން އަދި އެހެނިހެން ގޮތްގޮތަށް ހޯދައި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި އަދި އެހެނިހެން ކަމާބެހޭ ވުޒާރާތަކާއެކު ބަލަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.