މިދިޔަ އާދީއްތަ ދުވަހު މަރާލި 17 އަހަރުގެ ބިއާންކާ ޑެވިންސްގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އެ ފޮޓޯތައް ނެގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ނިއު ޔޯކްގެ ޔުޓިކާގައި ދިރިއުޅެމުންދިޔަ ބިޔަންކާގެ މަރުގެ މައްސަލާގައި މިހާރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެމީހަކީ، ބިޔަންކާގެ މަރާލާފައިވާ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ އާންމުކުރި ބްރެންޑަން ކްލާކް ނަމަކަށް ކިއާ މީހެކެވެ.

ސޯޝަލް މީޑިއާގައި ބްރެންޑަން ކްލާކް އާންމުކުރި ފޮޓޯތައް ކަމާބެހޭ ފަރާތްތަކަށް 'ރިމޫވް' ކުރެވުނުއިރު، އެކި އެކައުންޓްތަކުން ވަނީ އެ ފޮޓޯތައް ނަކަލުކޮށް، ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ޕޯސްޓްކޮށްފައެވެ. އެހެންކަމުން، ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މި ފޮޓޯތައް ދައުރުވުން އަދިވެސް އެކަށީގެންވެއެވެ.

ބްރެންޑަން ކްލާކްގެ އިންސްޓަގްރާމް އެކައުންޓްގައި ބިޔަންކާގެ މަރާލާފައިވާ ހަށިގަނޑުގެ ގިނަ ފޮޓޯތަކެއް ޕޯސްޓްކޮށްފައި ހުރިއިރު، އިންސްޓަގްރާމްއިން ވަނީ އޭނާގެ އެކައުންޓް "ނަގާފަ"އެވެ. އަދި އެ ފޮޓޯތައް އަލުން ހިއްސާކުރުމަށް މަސައްކަތްކުރަމުންދާ ފަރާތްތައް ހޯދާ، އެފަރާތްތައް ހުއްޓުވުމަށްވެސް އިންސްޓަގްރާމްއިން ދަނީ އެމެރިކާގެ ފުލުހުންނާއެކު މަސައްކަތް ކުރަމުންނެވެ.

ބްރެންޑަން ކްލާކް ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބިޔަންކާގެ ކަރު ބުރިކޮށްލާފައޭ ބުނާ ވަރުގެ ފުން ޒަހަމްތައް ފެންނަން ހުރެއެވެ.

އެމެރިކާގެ ފުލުހުން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ބްރެންޑަން އައި ބިޔަންކާ ދިމާވެފައިވަނީ މީގެ ދެމަހެއްހާ ދުވަސްކުރިންނެވެ. އެ ދެމީހުން ފުރަތަމަ ބައްދަލުވީވެސް އިންސްޓަގްރާމުންކަމަށް ބެލެވޭކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. ބިޔަންކާ މަރާލުމުގެ ކުރީ ރޭ އެދެމީހުން އެކުގައި ކޮންސެޓެއް ބަލަން ދިޔަ ކަމަށާ، ކޮންސެޓުން އެނބުރި އައި މަގުތަމަތީގައި ދެމީހުންގެ މެދުގައި ދެބަސްވުންތަކެއް ހިނގި ކަމަށް ޚަބަރުތައް ބުނެއެވެ.

ބިޔަންކާގެ މަރުގެ ވާހަކަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރީ އޭނާ މަރާލާފައިވާ މަންޒަރުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމުން ފެނުނު މީހުންނެވެ. އޭރު ކަމާ ބެހޭ ފަރާތްތަކުން ދަނީ ބްރެންޑަން ހޯދަމުންނެވެ. އެއީ ކަމާބެހޭ ފަރާތްތަކަށް ގުޅުމަށްފަހު އޭނާ ދިން އިންޒާރުގެ މެސެޖުތަކެއްގެ ސަބަބުން ކަމަށްވެއެވެ.

ބިޔަންކާގެ ގާތިލުކަމަށް ބުނާ ބްރެންޑަންއަކީ ދާދިފަހުން އޭނާއާއި ބައްދަލުވި މީހެއް ނަމަވެސް، ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ބްރެންޑަން ވަނީ ބިޔަންކާގެ އާއިލާގެ އިތުބާރު ހޯދާފައި ކަމަށްވެސް އެމެރިކާގެ ޚަބަރުތައް ބުނެއެވެ.