ދީބާޖާ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ދޭން ޖެހޭ 348 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމާއި ގުޅިގެން، މި މައްސަލައަށް ހައްލެއް ހޯދުމަށް ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ދީބާޖާ ކުންފުންޏަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ޖެހެނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކޮށް، އެކަމުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައެވެ.
ސެޓްލްމަންޓް ކޮމިޓީ އަކީ ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އަށް ލަފާ ދިނުމަށް އެމަނިކުފާނު އުފައްދަވާފައިވާ ކޮމިޓީއެކެވެ. ދީބާޖާ ކުންފުނިން ވަނީ، މި މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދި ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް ހުށަހަޅާފައެވެ.
ދީބާޖާ ކުންފުނިން، 348 މިލިއަން ރުފިޔާ ހޯދުމަށް ސެޓްލްމަންޓަ ކޮމިޓީއަށް ހުށަހެޅީ، ކުންފުނީގެ ޑިރެކްޓަރުންގެ ގަރާރަކުން ފާސްކޮށްގެންނެވެ. މި ގަރާރުގައި ސޮއި ކޮށްފައިވަނީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު، ޑިރެކްޓަރު ސާހީމް މުހައްމަދު، ޑިރެކްޓަރު އަހްމަދު ޖަނާހު، ޑިރެކްޓަރު އަބްދުﷲ ޖާވިދު އަދި ޑިރެކްޓަރު މުހައްމަދު ހުސެއިން ފުޅުގެ އިތުރުން ޑިރެކްޓަރު އިިބްރާހިމް މުއިއްޒެވެ.
ކޮމިޓީއަށް ހުށަހަޅައިގެން ދީބާޖާ މައްސަލައަށް ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން ސުޕްރީމު ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލުމަށް މިހާރު ވަނީ ސިވިލް ކޯޓުގައި އެދިފައެވެ. އެގޮތުން، ދީބާޖާ ކުންފުނިން އެދިފައިވާ ގޮތަށް މައްސަލަ ސެޓްލްމަންޓް ކޮމިޓީ އަށް މިހާރު އެޖެންޑާ ކޮށްފައިވާ ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.