މާލޭގައި ހުރި ގެއަކުން މަސްތުވާތަކެއްޗާއެކު ދެމީހުންނާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާއެކު އިއްޔެ މާލޭގެ ހެންވޭރުގައި ހުރި ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގައި އެ ގެ ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމިޙުން ހައްޔަރުކޮށްފައިވާ އިރު އެއީ 42 އަހަރުގެ ފިރިހެނެކާއި 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެއީ ދިވެހިން ކަމަށާއި ދެން ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

1 ކިލޯ 146 ގްރާމްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. މިހާރު ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި މަހުގެ 15 ވަނަ ދުވަހު ގދ. ތިނަދޫން ވެސް ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި މިފަދަ ކުށްތައް ގިނަވަމުން ދާ އިރު މީގެ ތެރޭގައި ކުޑަކުދިން ޝާމިލްވަމުން ދާ ކަން ދަނީ ފާހަގަވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ކުޑަކުދިންގެ ކުށުގެ ރެކޯޑްގެ 164 މައްސަަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ކުދިން ކުރާ ކުށުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިގެ މައްސަލައާއި މާރާމާރީގެ މައްސަލަައެވެ. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 41 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކަށް ވާއިރު 34 ޕަސެންޓަކީ މާރާމާރީގެ މައްސަލައެވެ. އަދި މީގެ ތެރޭގައި ވައްކަމުގެ މައްސަލައާއި، ޖިންސީ އަދި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ފޭރުމުގެ މައްސަލަ ހިމެނެއެވެ.