ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ތަރައްގީ ކުރުމަށް، ފަންނީ ލަފާދެއްވުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރަކު ވަޑައިގެންފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގެ ދަށުން، ރާއްޖެ ވަޑައިގެންފައި ވަނީ ފަންނީ ލަފާދެއްވުމަށް ޕޮލިސް ސަރވިސް އޮފް ނޮދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސާ ހިއު ސްޓެފަން ރޮޑެން އޯޑްއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ދައުވަތަކަށް މި މަހުގެ 13 އިން 19 އަށް ރާއްޖޭގައި ސާ ހިއު އޯޑް ހުންނަވާއިރު، މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ޕޮލިސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ޒިޔާރަތުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ސާ ހިއު އޯޑް ރިޕޯޓެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެ ރިޕޯޓުގައި ގާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ހިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދައުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ އިތުރުން، މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާނެ ކަމަށާއި، ދިވެހިރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ ވެރިންނާވެސް ސާ ހިއު އޯޑް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ސާ ހިއު އޯޑް އަކީ 1977 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ ފުލުހުންގެ ހިދުމަތްތަކުގައި މުހިއްމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ސާ ހިއު އޯޑް މަސައްކަތް ކުރައްވާފައިވާ ބައެއް އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލުތައް އޮތް ގައުމުތަކުގެ ތެރޭގައި ކެމަރޫން، ފިލިޕީންސް، މެދުއިރުމަތި، ކޮލަމްބިއާ، ބާމާ އަދި އިރާގު ހިމެނެއެވެ.