އީރާނުގެ ސަރުކާރާ ދެކޮޅަށް ނިކުމެ، ވެރިކަން ވައްޓާލުމަށް އީރާނުގެ ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ނުގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލި 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުން ނަގަހައްޓަން ފެއިލްވެ، ދުނިޔޭގެ ފެންވަރުގައި އީރާނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އެއްބާރުލުން ނުލިބޭނަމަ އެ އެއްބަސްވުމާ ދުރަށް އީރާނުންވެސް ޖެހެމުންދާނެ ކަމުގެ އިންޒާރު، އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީ ދެއްވާފައި ދަނޑިވަޅެއްގައެވެ.
2015 ގެ ސުލްހައިގެ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާއިރު އެކަން ހުއްޓުވުމާދިނުމަށާ، ސުލްހައިގެ އެއްބަސްވުން ނެގެހެއްޓުމަށް އީރާނުންވަނީ މި އެއްބަސްވުމުގައި ދެން ބައިވެރިވި ވިލާތުގެ ބާރުތަކަށް ގޮވާލާ، އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އީރާނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ވިލާތުން މަސައްކަތްކޮށްދިނުމަށްވެސް ގޮވާލާފައެވެ. ނަމަވެސް މިކަމުގައި ވިލާތުންވެސް އެދެވޭ މަސައްކަތްތަކެއް ކޮށްދެމުން ނުދާކަން ފާހަގަކޮށް، އީރާނުން ވަނީ އެގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ފުޅާކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުގެ ދާހިލީ މަސްރަހު ނުތަނަވަސްވެ، އިގުތިސޯދު ހީނަރުވެ، ފައިސާގެ އަގު އިންތިހާއަށް ވެއްޓުމާއެކު އާންމު ރައްޔިތުން ދަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އީރާނުގެ ސަރުކާރުން ބުނާ ގޮތުގައި، މިއީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާ އަޑީގައި އޮވެގެން ކުރުވާ ކަމެކެވެ.
މިކަންކަމަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން މަސައްކަތެއް ނުކުރާ ކަމަށާ، ނަމަވެސް އެހެން ގޮތް ގޮތުން ކުރިއެރުންތަކެއް ހޯދެމުންދާކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ކުރިއެރުންތަކެއްކަން، ނުވަތަ ކޮން ދާއިރާތަކެއްކަމެއް ޓްރަމްޕް ތަފްސީލުކޮށެއް ނުދެއްވައެވެ.
ހުސްވި ހަފުތާ ތެރޭގައި އީރާނުން ވަނީ، 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމުން ކަނޑައަޅާފައިވާ 3.67 ޕަސެންޓަށްވުރެ އިތުރަށް އެގައުމުން ޔުރޭނިއަމް މުއްސަނދިކޮށް، 300 ކިލޯގްރާމަށްވުރެ އިތުރަށް ޔުރޭނިއަމް ރިޒާވް ބޮޑުކުރެވިފައިވާކަމަށް ބުނެފައެވެ.
އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ އަސްކަރީ މަގުސަދުތަކެއް ހާސިލުކުރުމަށް އެގައުމުން ހިންގާ މަޝްރޫއެއް ކަމަށް އެމެރިކާއިން ވިލާތުގެ ބާރުތަކުން ބުނާއިރު، އީރާނުން ބުނާ ގޮތުގައި މިއީ މަދަނީ ބޭނުންތަކަކަށްޓަކައި ކުރިއަށް ގެންދާ ސުލްހަވެރި މަޝްރޫއެކެވެ.
މިފަހަކަށް އައިސް މިމައްސަލާގައި އީރާނާ އެމެރިކާއާއި ދެމެދު އިންތިހާއަށް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެގޮތުން އީރާނުގެ ގަލްފް ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތެރިވުން އިތުރުކޮށް، ދެގައުމުގެ މެދުގައި ހަމަ ކުށްލި ގޮތަކަށް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ.