އިންޑާއާގެ ވިޔަފާރި މަރުކަޒީ ރަށް ކަމުގައިވާ މުމްބާއީގައި އަންގާރަ ދުވަހު ވެއްޓުނު 4 ބުރީގެ އިމާރަތަކީ އެތައް އަހަރެއް ވެފައިވާ މުސްކުޅި އިމާރާތެއް ކަމަށާ، އެ އިމާރާތް ހުސްކުރުމަށް 2017 ވަނަ އަހަރުވެސް އިންޒާރުގެ އަމުރެއް ނެރެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ކުރިން އަޅާފައި ހުރި މި އިމާރާތް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ރޭވެސް އެއްކޮށް ކުރިއަށް ގެންގޮސްފައިވާއިރު، މި ހާދިސާގައި ޒަހަމްވީ މީހުންނަށް 2 ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ވެއްޓުނު އިމާރަތް މަރާމާތުކުރުމަށް އާންމު ރައްޔިތުން ކަމާ ބެހޭ ފަރާތްތަކަށް ދެންނެވިއިރު މިކަމަށް ހައްލެއް ހޯދިފައެއްނުވެއެވެ. ހަމަ އެހެންމެ އިމާރާތް ހުސްކުރަން ނެރުނު އަމުރާ އެއްގޮތަށް އިމާރާތް ހުސްކޮށްފައެއްވެސް ނުވެއެވެ.

މި އިމާރާތް ވެއްޓުނީ އަންގާރަ ދުވަހުގެ މެންދުރުވުމާ ގާތްވެފައި ވަނިކޮށެވެ.

މި އިމާރާތް ހުންނަނީ ހަނި ގޯޅިތަކަކުން ނޫނީ ނުވަދެވޭ ހިސާބެއްގައިކަމުން، މީހުން ސަލާމަތްކުރުމުގެ މަސައްކަތަށްވެސް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންނެވެ. އެގޮތުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ވެހިކަލްތައް، ސީދާ އިމާރާތް ހުރި ހިސާބާ ކައިރި ނުކުރެވޭ ކަމަށް ޚަބަރު ލިބެއެވެ.

ޒަމާންވީ އިމާރާތްތައް ވެއްޓުމާ، ފާރުތައް ވެއްޓުމާ، ކާނުގަނޑުތަކަށް ފެން ނުހިނދި، މަގުތައް ޗަކަވުމުގެ މައްސަލަ ކުރިމަތިވާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާއިރު، މިކަމާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

ކަންމިހެން އޮތްއިރު، އިންޑިއާގެ ބައިބޯ ހިސާބުތަކަށް ގޮސް ތިބޭ ތިބުމުގައި، އެ ތިބޭ އިމާރާތަކީ މީހުން ދިރިއުޅުމުގެ ހުއްދަ އޮންނަ، އަދި ދިރިއުޅެވޭ ފެންވަރުގެ އިމާރާތެއްތޯ ފަރުދީ ފެންވަރުގައިވެސް ކަށަވަރުކޮށްފައި ނޫނީ އެތަނަކަށް ނުވަނުން ބުއްދިވެރިކަން މުރާސިލުން ފާހަގަކުރެއެވެ.