ހދ. ކުޅުދުއްފުށި ނެރު ފައިކަށީގައި ޖެހި ފަޅައިގެން ލޯންޗެއް ފުން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ މި ލޯންޗު ފަޅައިގެން ދިއައީ، ފަޅަށް ވަންނަނިކޮށް ނެރު ފައިކަށީގައި ޖެހި ކަމަށެވެ. އަދި މި ލޯންޗު ދިޔަވެ އަޑިއަށް ދާތީ ލޯންޗު ނެގުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔާ އެންޑް ރެސްކިއު އަދި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާ ހިންގީ މިރޭ 8:05 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މާލެ ދަތުރުކުރަމުން ދިޔަ މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފުން ބުނީ، އިންޖީނު ހުއްޓިގެން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ވ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ "ބަރަކާތް" ނަމަކަށް ކިޔާ މަސްދޯންޏަކަށް ކަމަށާއި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަނަށް ލިބިފައިވަނީ މިއަދު ހަވީރު 5:38 ކަމަށެވެ.

މާލެ ދަތުރުކުރަމުން ދިޔަ މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ / ފޮޓޯ: އެމްއެންޑީއެފް

މި ދޯނީގެ އިންޖީނު މަރާމާތު ކުރުމަށްފަހު، މާލެ ދަތުރު ކުރުމަށް ފަށާފައިވަނީ މިރޭ 7:38 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނާއިރު، މި ދޯނީގެ ވެރިފަރާތުން އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހަވާލު ކުރުމުން އެމްއެންޑީއެފުން ވަނީ، އެ ސާމާނު ދޯންޏާ ހަމައަށް ގެންގޮސްދީފައެވެ.