ގެވެށި އަނިޔާގެ މައުލޫމާތު ހުރި މިންވަރު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިތުރުން ޔޫއެންޑީޕީ ގުޅިގެން ސާވޭއެއް ފަށައިފިއެވެ.

އެޗްއާރުސީއެމް އިން ބުނީ، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް "ދަ ރައިޓް ސައިޑް އޮފް ލައިފް ސާވޭ" ގެ ނަމުގައި ކުރާ އެ ސާވޭ ކުރިޔަށް ގެންދަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެޕްޕީއޭ) އާއި ޔޫއެންޑީޕީ ގުޅިގެނެވެ. ސާވޭ ކުރުމަށްޓަކައި މާލޭގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ޒިޔާރާތްކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މި ސާވޭގައި ރާއްޖޭގައި އިންސާނީ ހައްގުތަކާމެދު މީހުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށާއި، އެ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީހުންނަށް މައުލޫމާތު ލިބިފައިވާ މިންވަރު ދެނެގަތުމަށާއި ގެވެށި އަނިޔާގެ މައުލޫމާތު ހުރި މިންވަރު ބަލާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ސާވޭ ކުރިޔަށް ގެންދަނީ އަމިއްލަ ކޮންސަލްޓަންސީ ފާމް އެއްކަމަށްވާ ރިޔަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެނެވެ. މައުލޫމާތު ހޯދަން ގޭގެއަށް ޒިޔާރާތްކުރާއިރު އެ ކޮމިޝަނުގެ ދިރާސާއެއްކަން އަންގައިދޭ ލިޔުމެއްގެ އިތުރުން ކޮން ބައެއްކަން އަންގައިދޭ ކާޑެއްވެސް އެ ފަރާތްތައް ބޭނުންކުރާނެ އެވެ.