ރާއްޖެއިން ޕައިލެޓްކަން ކިޔެވުމަށް ލޯނު ދޫކޮށްފައިވާ ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ކިޔެވުމަށް އެކި ފަހަރު މަތިން ލޯނު ދޫކޮށްފައިވާ 96 ފަރާތެއް ދަނީ ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގަމުން ގެންދާ ޕައިލެޓް ލައިސަންސް ޕްރޮގްރާމުގައި ކިޔަވަމުން ކަމަށެވެ. އަދި މި ދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސް މިކަމާއި ގުޅިގެން މިނިސްޓްރީއިން ދަނީ މި ޕްރޮގްރާމަށް ހުއްދަ ދޫކޮށްފައިވާ ސަރުކާރުގެ ކަމާބެހޭ ފަރާތް ތަކާއި އެހެނިހެން ސްޓޭކް ހޯލްޑަރުންނާއި މަޝްވަރާކުރަމުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔެވުމަށް ދޫކުރެވޭ ލޯނު ފުރުސަތުތައް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ބަދަލުކޮށް ނުދޭ ކަމަށެވެ. ނަމަވެސް، އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ ދަރިވަރުންގެ އިހްތިޔާރުން ބޭރުގައިވާ ކަންކަން ކަމުގައި މި މިނިސްޓްރީއަށް ގަބޫލު ކުރެވޭތީވެ، ދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާއިން ރާއްޖެއިން ބޭރުގައި ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
އަދި ކިޔެވުން ފުރިހަމަ ކުރުމަށް އިތުރު ފައިސާއެއް ހަރަދުވާ ނަމަ، އެ ފައިސާ ހަމަޖައްސަން ވާނީ ދަރިވަރުން އަމިއްލައަށް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ލޯނު ނަގައިގެން ތައުލީމު ހާސިލުކުރަން ފަށާއިރު، ކިޔަވަން ދިއުމަށް ހުށަހަޅާ ތަނާއި ބެހޭ ސައްހަ މައުލޫމާތު ހޯދާ، އެއީ ތިމާއަށް އެންމެ ރަނގަޅު މަރުކަޒުކަން ކަށަވަރު ކުރުމަކީ ލޯނު ފައިސާއިން ދެކޮޅު ޖައްސާ އަދި ކިޔެވުން ފުރިހަމަ ކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ވާއިރު، މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
އަދި މި ފުރުސަތުގެ ދަށުން، ހަޔާ އެޑިއުކޭޝަންގެ ލޯނު ނަގައިގެން ރާއްޖޭގައި ޕައިލެޓް ލައިސަންސަށް ކިޔަވަމުންދާ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވާން އެދޭނަމަ، އެ ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗާ އަދި އައިޑީކާޑުގެ ކޮޕީއާ އެކު، މިނިސްޓްރީގެ އީމެއިލްއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
އެ މިނިސްޓްރީންބުނީ ކިޔެވުމަށްދާ މަރުކަޒަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ޓެސްޓަކާނުލާ މަތިންދާ ބޯޓު ދުއްވުމުގެ ހުއދައެއް ލިބޭ މަރުކަޒެއްކަން ކަށަވަރު ކުރުމަށް އެދިފައެވެ.