ބޭރުގެ ބޯޓުތަކަށް މަސްގަންނަން ފުރުސަތު ދިނުމަކީ މަސްވެރިކަމުގެ ސިނާއަތް ހަލާކުވެގެން ދާނެ ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ވަކި ޒޯންތަކުގައި މަސްގަތުމަށް އޮންނަ އޮތުން ނިމުމަކަށް ގެނެސް މަސް ގަތުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.
ޖަޒީރާ ހޮޅުއަށި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގދ. ތިނަދޫގައި ރައީސް ވިދާޅުވީ ވަކި ޒޯންތަކަށް ބަހަލާގައިގެން ވަކި ފަރާތަކަށް ނޫނީ މަސް ނުގަނެވޭ ގޮތަށް އޮންނަ ކޮންޓްރޯލް ބަދަލުކުރައްވައި އެކަން ހުރިހާ ފަރާތްތަކަށް ހުޅުވާލައްވާނެ ކަމަށެވެ. އަދި އެގޮތަށް ހެއްދެވުމުން ކުރާ ފައިދާ ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންނަށް ހަމައަގު ހޯދައިދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް، ބޭރުގެ ބޯޓުތައް ރާއްޖޭގެ މަސްކަނޑުތެރޭގައި މަސް ގަންނަން ފުރުސަތު ދިނުމަކީ މަސްވެރިކަމުގެ ސިނާއަތް ހަލާކުވާނެ ކަމަށެވެ.
"[މިކަމަކީ] ހަތިޔާރާއި ޑްރަގްސް އަދި ހިއުމަން ޓްރެފިކިންއަށް މަގު ފަހިވާނެ ކަމެއް. ސިޔާދަތަށް ނުރައްކާވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މަސްކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓުވުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.
މި ގަރާރަށް ބަހުސް ކުރައްވަމުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް) ވަނީ ރާއްޖޭގައި މަސް ކިލޯއަކަށް ދޭ އަގު، 50 ރުފިޔާ އަށް ހަމަޖެއްސުމަށް ގޮވާލައްވާފައެވެ.