ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލުނުވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި، އެކަމުގެ ލިއުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކޮށްފިއެވެ.
ރާއްޖެއަކީ މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅައި މިއަދު ރާއްޖެއާއި ލިޔުން ހަވާލުކޮށްފައިވާއިރު، މިއީ މިސަރަހައްދުގެ ގައުމު ތަކުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިލިޔުން ލިބުނު ދެވަނަ ގައުމެވެ. މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ އަދި ސިފިލިސް ވާސިލްނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅި 12 ވަނަ ގައުމެވެ.
މިއީ ގައިންގަޔަށް އަރާ ބައްޔެއް ނައްތާލެވުނު ކަމަށް ކަނޑައަޅައި ރާއްޖެއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލިބުނު ހަތަރު ވަނަ ސެޓިފިކެޓެވެ. މީގެ ކުރިން މެލޭރިއާ، ފައިލޭރިއާ އަދި ހިމަބިހި ނައްތާލެވުނުކަމަށް ކަނޑައަޅައި ރާއްޖެއަށް ވަނީ ލިޔުންދީފައެވެ. މީގެ އިތުރުން ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން ޕޯލިއޯ އަދި ތުއްތު ކުދިންނަށް ޖެހޭ ޓެޓަނަސް ނައްތާލެވުނު ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިލިބުނު ކާމިޔާބީ ދެމެހެއްޓުމަށް އިތުރަށް މަސައްކަތް ކުރުމަށް އެންމެހާ ފަރާތްތަކުންވެސް އަޒުމް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވިއެވެ. ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއްކަމަކީ އާންމު ސިއްހަތު ރަނގަޅުކޮށް، ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް ކަމުގައެވެ. އަދި މިއީ ދިވެހި ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރާކަމެއް ކަމުގައި ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.
މިއަދު ހެނދުނު މިކަމަށްޓަކައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ލިއުން ހަވާލުކުރެއްވީ އެ ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑިރެކްޓަރ ޑރ. ޕޫނަމް ކެތްރަޕާލް ސިންގްއެވެ.