އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޖަހާފައިވާ އެންމެ ބޮޑު ކުނި ފަރުބަދައިގެ އުސްމިން، 2020 ވަނަ އަހަރު އަންނައިރު، ތާޖު މަހަލްއަށް ވުރެވެސް މައްޗަށް އެރުން އެކަށީގެންވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އދއިން ބުނާ ގޮތުގައި ދުނިޔޭގައި ވެރިކަން ކުރާ ސިޓީތަކަށް ބަލާއިރު އެންމެ ތަޣައްޔަރުކަން ބޮޑު ސިޓީއަކީ ވެސް ނިއު ދިއްލީއެވެ.

ނިއުދިއްލީގެ އިރުމަތީ އަރިމައްޗަކާ ދިމާލުން ގާޒީޕޫރުގައި ޖަހާފައިވާ މި ކުނި ފަރުބަދައިގެ ބޮޑު މިނަކީ، ގާތްގަނޑަކަށް 40 ފުޓުބޯޅަ ދަނޑުގެ ބޮޑުމިނެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ކުނި ފަރުބަދައިގެ އުސްމިނަށް އަހަރަކު 10 މީޓަރު އިތުރުވެއެވެ. ކުނީގެ އިތުރުން، ވަގު ކުއްތާއާއި ގެރިބަކަރި ފަދަ ނާމް ސޫފިން މި ސަރަހައްދު ފުރާލާފައިވާއިރު، ކުނި ވަސް އިންތިހާއެވެ.

ދިއްލީގެ ސުޕްރިންޓެންޑެންޓް އިންޖިނިއާ އަރޫން ކުމާރު ބުނާ ގޮތުގައި، މި ކުނި ފަރުބަދައިގެ އުސް މިނުގައި މިހާރުވެސް 65 މީޓަރު އެބަހުއްޓެވެ.

މި ސަރަހައްދުން ދަތުރުކުރާ މަތިންދާ ބޯޓުތަކުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، މި ކުނިފަރުބަދާގައި ބައްތިޖެހުމަށް އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ އަމުރެއްވެސް ނެރެފައެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށްއެދި ވާހަކަ ދެއްކި ދިއްލީގެ މުނިސިޕަލް އޮފިސަރަކު ވިދާޅުވީ، މިސަރަހައްދަށް ކުނި އެޅުމުގެ ލިމިޓް 2002 ވަނަ އަހަރު ހަމަވި ނަމަވެސް، މިހާރުވެސް ދުވާލެއްގެ މައްޗަށް 2000 ޓަނުގެ ކުނި މި ސަރަހައްދަށް އަޅައެވެ. 2018 ވަނަ އަހަރު ބޯކޮށް ވިއްސާރަ ވެހިގެން މި ކުނި ފަރުބަދައިން ބައެއް ވެއްޓި ދެމީހެއްގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން މިތަނަށް ކުނި އެޅުން ހުއްޓާލިނަމަވެސް އެކަން ތަންފީޒުވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ކުނި އަޅާނެ އިތުރު ސަރަހައްދެއް ދެއްކުމަށް އިންޑިއާގެ ސަރުކާރު ފެއިލްވުމާއެކު، އަނެއްކާވެސް މި ސަރަހައްދަށް ކުނި އަޅަން ފެށީއެވެ.

މި ކުނިފަރުބަދާގައި އެކުލެވޭ އެއްޗިހީގެ ސަބަބުން މި ފަރުބަދައިގެ އެކި ހިސާބުތަކުގައި ރޯވާ އަލިފާންގަނޑުތައް ނިއްވާލުމަށް އެތައް ދުވަހެއް ހޭދަވާއިރު އަރަމުންދާ ވިހަ މާއްދާތައް ވަޔާ އެކުވެ، މި ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ވަނީ ނުރައްކާވެފައެވެ. ދިއްލީގެ ކުނި ފަރުބަދަ ވަށައިގެން 5 ކިލޯމީޓަރު ސަރަހައްދެއްގައި ދިރިއުޅެމުންދާ މީހުންނަށް ކެންސަރު ޖެހިދާނެ ކަމުގެ ނުރައްކާތެރި އިންޒާރުވެސް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުންވަނީ "އޮޕަރޭޝަން ކްލީން އިންޑިއާ"ގެ ނަމުގައި ސާފުކުރުމުގެ ހާއްސަ މަޝްރޫއެއް ފައްޓަވާފައެވެ. ނަމަވެސް އަމަލީ ގޮތެއްގައި މިކަން ތަންފީޒުކުރެވިދާތީ ފެނިފައެއް ނުވެއެވެ.