ދޮން ނަސްލު ނޫން ނަސްލަކުން އައިސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ޖާގަ ހޯދާފައިވާ އިދިކޮޅު ޑިމޮކްރަޓުންނަށް ނިސްބަތްވާ މެންބަރުންނަކީ އެމީހުންގެ ނަސްލު ނިސްބަތްވާ ވަޒަނަށް ގޮސް، އެތަނުގައި މައްސަލަތައް ހައްލުކުރަންޖެހޭ ބައެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލުކުރައްވާ މެންބަރުންގެ ތެރެއިން ވަކިން ހާއްސަކޮށް އަންހެން މެންބަރުންނަށް އިޝާރަތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެ މެންބަރުންގެ ނަސްލީ ވަޒަނަކީ ކޮރަޕްޓްވެފައިވާ ގައުމުތަކެއް ކަމަށާ، ސަރުކާރެއް އޮތް ނަމަވެސް، އެ ސަރުކާރަކީ ދުނިޔޭގެ އެއްވެސް ތަނަކަށް ކުފޫ ހަމަވާ ސަރުކާރެއް ނޫންކަމަށެވެ. މިފަދަ ހާލެއްގައި ތިބި ބަޔަކު އެމެރިކާއަށް އައިސް، އެމެރިކާގެ ސަރުކާރު ހިނގަންވީ ގޮތް، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގެ އުފަން ވަޒަންވެރިންނަށް ކިޔައިދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ވަޒަނަށް ގޮސް، އެތަން އިސްލާހު ކުރުމަށްފަހު އެމެރިކާއަށް އައިސް އެކުރާ ކަމެއް ކުރުމަށްވެސް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

ޓްވީޓާ މެދުވެރިކުރައްވާ ޓްރަމްޕް މި ހަމަލާތައް އަމާޒުކުރައްވާފައިވަނީ ނިއުޔޯކްގެ މެންބަރު އެލެކްޒެންޑްރިއާ އޮކާޒިއޯ-ކޯޓޭޒް، މިނެސޯޓާގެ މެންބަރު އިލްހާން އުމަރު، މިޗިގަންގެ މެންބަރު ރަޝީދާ ތޯލިބު މެސަޝޫސެޓްސްގެ އަޔާނާ ޕްރެސްލީއަށް ކަމަށް މުރާސިލުން ލަފާކުރެއެވެ. މިމެންބަރުންގެ ތެރެއިން އެމެރިކާއިން ބޭރު ގައުމަކަށް އުފަންވީ އިލްހާން އުމަރެވެ. ދެން ތިއްބެވި މެންބަރުންނަކީ އެމެރިކާއަށް ހިޖުރަކުރި އެކި ދަރިކޮޅުތަކުގެ މީހުންނަށް، އެމެރިކާގައި އުފަންވި ކުދިންނެވެ.

ޓްރަމްޕްގެ މި ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.