ދިވެހިރާއްޖެއާއި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ވިލާތުގެ އިއްތިހާދުގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ޖިލްސް ޑި ކަރްކޯވްފް، ދިވެހި ހާރިޖިއްޔާގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ.

ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރު ދިވެހިރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ރޮނގުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، ޓެރަރިޒަމް ހުއްޓުވުމަށް ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭ ގޮތުން ޚިޔާލުބަދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދިވެހި ހާރިޖީ ވުޒާރާގައި އާދީއްތަ ދުވަހުގެ މެންދުރުފަހު ކުރިއަށްދިޔަ މަޝްވަރާތަކުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުންވަނީ ވިލާތުގެ އިއްތިހާދާއި ދިވެހިރާއްޖެއާ ދެމެދު ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ވިލާތުގެ ކައުންޓާ ޓެރަރިޒަމް ކޯޑިނޭޓަރު ކަރްކޯވްގެ އަރިހުގައި ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތުން ލައި މާގު، ޔޫރަޕިއަން ޔޫނިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީ.އީ.އޭ.އެސް)ގެ ހެޑް އޮފް ކައުންޓަރޓެރަރިޒަމް ޑިވިޝަން ޖޯން ގެޓްރަޓާ އަދި އީ.އީ.އޭ.އެސްގެ ޑެޕިއުޓީ ހެޑް އޮފް ސައުތު އޭޝިއާ ޑިވިޝަން އީވޯ ޝޫޓްވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.