ދެކުނު އޭޝިއާގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

މޫސުމީ ގަދަ ވިއްސާރަ ކުރަމުންދަނީ ނޭޕާލްއާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށެވެ.

ނޭޕާލަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރާފައިވާއިރު، 29 މީހަކު ވަނީ ގެއްލިފައެވެ. އަދި 28 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ރިޕޯޓްކޮށްފައިވާކަމަށް ނޭޕާލްގެ ސަރުކާރުން މައުލޫމާތު ދެއެވެ.

ބަންގްލަދޭޝްއަށް ކުރަމުންދާ ވިއްސާރައަށް ބަލާއިރު، ތޮއްޖެހިފައިވާ ރޯހިންޏާގެ ރެފިއުޖީ ކޭމްޕުތަކުން ވެސް ބަޔަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި މި ދިޔަ ހަފުތާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި 2 ކުޑަކުދިންވެސް ހިމެނެއެވެ. މޫސުމީ ވިއްސާރަ ގަދަވެ، ކޯރުތައް ފުރިގެން ބަނޑުންވުމުގެ ހާދިސާތައް ހިނގަމުންދާއިރު، އެތައް މިލިއަން ބަޔަކަށް އެކަމުގެ ސީދާ އަސަރު ކުރަމުންދާކަމަށް ކަބަރު ލިބެއެވެ.

ކަންމިހެން އޮތްއިރު ކުރިއަށް ދުވަސްވަތުގައިވެސް މި ސަރަހައްދަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސުމީ ވިއްސާރަ ކުރިމަތިވާ ދުވަސްވަރަކީ ޖޫން މަހާ ސެޕްޓެމްބަރު މަހާ ދެމެދު ކަމަށްވާއިރު، ކޮންމެ އަހަރަކުވެސް މި ދުވަސްވަރު މިފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވެއެވެ.

މި ގައުމުތަކަކީ ބޭސްވެރިކަމުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދަކަށް ދިވެހި ދަރިވަރުން ގޮސް އުޅޭ ގައުމުތަކަކަށްވީ ނަމަވެސް، މިފަހަރުގެ މޫސުމީ ވިއްސާރައިގެ ކާރިސާގައި ދިވެހި އެއްވެސް ރައްޔިތެއްގެ ފުރާނައަށް ނުރައްކާވެ ހާލުގައި ޖެހިފައިވާކަމުގެ މައުލޫމާތެއް، ދިވެހި ހާރިޖިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.