އަހަރީ ފީ ނުދައްކައިގެން 1500 އަށް ވުރެ ގިނަ ކުންފުންޏެއް އުވާލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ދެވަނަ ބުރެއްގެ މަތިން އުވާލަން އިއުލާނުކުރި ލިސްޓުގައި 1،597 ކުންފުނި ހިމެނޭއިރު، މި ކުންފުނިތައް އުވާލަނީ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ މަތިންނެވެ. މި ގަވާއިދުގައިވާ ގޮތުން، އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނި އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސަށް ލާޒިމް ވާނެއެވެ.

މި ލިސްޓުގައި ހިމެނޭ ކުންފުނިތައް ހިންގަން ބޭނުންނަމަ، އެ ކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގާރާރެއް ފާސްކޮށް އަންނަ މަހުގެ ހަތަރެއްގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެފައިވާ ގޮތުގައި މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން އިން އެކްޓިވް ކުންފުނިތައް ދެނެގަނެ ފަސޭހައިން އުވާލެވޭނެ ކަމަށާއި ކުންފުންޏެއް އުވާލުމުގައި މައިގަނޑު ހަތަރު ހާލަތެއް އޮންނަ ކަމަށެވެ. އެގޮތުން، އެއް ހާލަތަކީ ކުންފުނީގެ އަހަރީ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުން ކަމަށާއި، އޭގެ މާނައަކީ މެއި މަހުގެ ނިޔަލަށް ޖޫރިމަނާއާއެކު ފައިސާ ނުދައްކައިފިނަމަ ކުންފުނި އުވާލަން މިނިސްޓްރީ އަށް ލާޒިމް ކުރާ ކަމަށެވެ. އަދި މި ޕްރޮސެސްތަަކީ ފަހުން މިއައި އެމެންޑްމެންޓުން ގަވާއިދުން ކުރިއަށް ގެންދަން ޖެހޭ ޕްރޮސެސް ތަކެއް ކަމަށް ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު ވެސް އަހަރީ ފީ ނުދައްކައިގެން 523 ކުންފުންޏެއް އުވާލަން ނިންމައިފައިވާއިރު، އެ ކުންފުނިތަކަކީ 1979 އިން 2001 ގެ ނިޔަލަށް އަހަރީ ފީ ނުދައްކައި ހުރި ކުންފުނިތަކެވެ.