ގާނޫނީ ވަކީލުކަމަކީ އިތުބާރުހިފޭ ޝަރަފުވެރި މަސައްކަތަކަށް ހަދަންޖެހޭ ކަަމަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ބިޝާމް، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ގާނޫނީ ފަންނަށް ތާރީހީ ދުވަހެއް ކަމަށާއި އެއްވެސް ފަންނަކީ ދެގޮތެއް ނުވެ އަބަދު އެއްގޮތަކަށް އޮންނާނެ ފަންނެއް ނޫން ކަމަށެވެ. އަދި ވަކީލުކަމަކީ އިތުބާރު ހިފޭ، ބަރޯސާވެވޭ، ޝަރަފުވެރި އަދި ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަމަށެވެ.
ބިޝާމް ވިދާޅުވީ، ބާ ކައުންސިލް އިންތިހާބުގައި ހޮވޭ ވަކީލުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ސާބިތު ކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. ބިޝާމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ރެގިއުލޭޓް ކުރަން އުފެއްދި ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް މެންބަރުން ހޮވަން މިއަދު ވަނީ އިންތިހާބު ބާއްވާފައެވެ. މި އިންތިހާބުގެ ވަގުތީ ނަޖީތާ މިއަދު އިއުލާން ކުރާނެ ކަމަށާއި، ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެއެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހަ ވަކީލުން އިންތިހާބް ކުރާއިރު، މި ކޮމެޓީ އެކުލެވިގެން ވަނީ ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި، ވަކީލުންގެ ތެރެއިން ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް އިންތިހާބު ކުރެވޭ ބޭފުޅަކާއި ބަންޑާރަ ނައިބުގެ އިތުރުން ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ހަ ބޭފުޅެއްގެ މައްޗަށެވެ.
އީސީން މިހާތަނަށް ހާމަކުރި ނަތީޖާއަށް ބަލާއިރު، އެ ކައުންސިލްގެ ރައީސް ކަމަށް ވަކީލު މައުމޫން ހަމީދު ކުރީގައި އުޅުއްވާއިރު، ނައިބު ރައީސް ކަމަށް ކުރީގައި އުޅުއްވަނީ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ.