ބ.ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް ރޫހާނީ ކަންތައްތަކެއް ދިމާވާ ކަމަށް ބުނާތީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޓީމެއް އެރަށަށް ހިނގައްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ތުޅާދުއަށް ދިޔައީ، ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް ރޫހާނީ ކަންތައްތަކެއް ދިމާވާ ކަމަށް ބުނެ ސްކޫލްގެ ބެލެނިވެރިންތަކެއް ނިކުމެ އެ ސްކޫލު ބަންދު ކުރުމާ ގުޅިގެން އެކަން ހިނގާގޮތެއް ބެލުމަށެވެ. އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވަނީ އެރަށަށް ދިޔަ އެޑިއުކޭޝަންގެ ޓީމުން ސްކޫލުގެ މެނޭޖްމަންޓާއި، ބެލެނިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް އެހެން މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.
މިފަހުން، ތުޅާދޫ ސްކޫލުގެ ދަރިވަރުން ހޭނެތި ގޮތްގޮތްވާ މައްސަލަތައް އާންމުވެފައި ވާއިރު، ބެލެނިވެރިން، މި މައްސަލަ ދެކެނީ ރޫހާނީ ކަމެއްގެ ގޮތުގައެވެ. ބެލެނިވެރިން ދެކޭ ގޮތުގައި މިއީ ސްކޫލު ތެރޭގައި ހުންނަ ނިކަ ގަހެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށާއި، މި ގަހުގެ ސަބަބުން ކުދިންނަށް ޖިންނި ޝައިތާނުންގެ އުނދަގޫ ކުރިމަތިވާކަމަށެވެ.
މިކަމާ ގުޅިގެން، ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ގޮތުގައި، މައްސަލަ ހައްލު ނުވަނީސް ސްކޫލް ނުހުޅުވުމަށް ބެލެނިވެރިން ބުނަމުން އަންނަ ކަމަށާ ބެލެނިވެރިން ޑިމާންޑް ކުރަނީ އަލުން ސްކޫލް ހުޅުވަންދެން ކައުންސިލުން ސްކޫލްގެ ތަޅުދަނޑިއާ ހަވާލުވުމަށެވެ. މި މައްސަލާގައި ބެލެނިވެރިން ބޭނުންވަނީ ނިކަގަސް ކަނޑާލުމަށެވެ.
ނަމަވެސް، ކުދިން ހޭނެތޭތީ ބެލެނިވެރިން ނިކުމެ ސްކޫލު ބަންދުކޮށްފައިވާ ކަމަށް ދެކެވުނު ވާހަކަ އަލީ ދޮގު ކުރައްވާފައި ވާއިރު، ހަފްތާ ބަންދުގައި ސްކޫލުގެ އެއްވެސް އިތުރު ހަރަކާތެއް ނުގެންދަން އެޑިއުކޭޝަނުން ލަފާދިނުމުން އެގޮތަށް ސްކޫލުން އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ނިކަ ގަސް ކަނޑާލަން ނުވަތަ އެހެން ފިޔަވަޅެއް އަޅަންވެސް މިނިސްޓްރީއިން ނިންމާނީ މަޝްވަރާކޮށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް އިންޓަވިއުގައި އަލީ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންނީގެ މައްސަލަ ދިމާވާ 12 ވަރަކަށް ކުދިން އެރަށު ސުކޫލުގައި އުޅެއެވެ. އަދި މައްސަލަ ދިމާވެ ބައެއް ފަހަރު ރަނގަޅުވާން އެތައް ދުވަހެއް ނަގާ ކަމަށާއި، މި މައްސަލަ ރުގްޔާކޮށްގެން ރަނގަޅުވެފައިވެއެވެ.
މީގެ 19 އަހަރު ކުރިން ފެށިގެން އެ ސްކޫލްގެ ގޯތީގައި ހުންނަ ގަހެއްގެ ސަބަބުން ކުދިންނަށް ނޭދެވޭ ރޫހާނީ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މީގެ ކުރިންވެސް ކުދިންނަށް ޖިންނި އަވަލުން ފަދަ ކަންތައްތައް ދިމާވާތީ، ތުޅާދޫ ސުކޫލުން ގަހެއް ކަނޑާލާފައިވާ ކަމަށް އެރަށުން މައުލޫމާތުދެއެވެ.