ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް މިއަހަރު ކުރިއަށް ގެންދިޔުމަށްޓަކައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ކެއާ ސޮސައިޓީއިން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމުގެ ގޮތުން އުފެއްދުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ އެކުދިން ބޮޑުވެގެން ދާއިރު އަމިއްލައަށް ކޮންމެވެސް ކަހަލަ އާމްދަނީއެއް ހޯދާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަގު ފަހިކޮށްދިނުމަށެވެ. އެގޮތުން މި ސެންޓަރުން، ކޮމްޕިއުޓާ ސްކިލްސް، ފެހުން، ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެއެވެ.

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވީ ދިރާގު ފަދަ ކުންފުނި ތަކުގެ އެހީ މިކަންކަމުގައި ވަރަށް މުހިންމު ކަމަށެވެ. މީގެ ސަބަބަކީ އެ ގޮތަށް އެންޖީއޯ ތަކަށް އެހީތެރިކަން ލިބޭ ކަމުގައި ވާނަމަ، ދެމެހެއްޓެނެވި ގޮތަކަށް މި ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދިޔުމުގެ މަގުފަހި ވެގެންދާނެކަމެވެ.

“އެގޮތުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި ފާއިތުވެދިޔަ 3 އަހަރު ކުރިއަށް ގެންދެވިފައިވާ އެއް ސަބަބަކީ ދިރާގުން ކެނޑިނޭޅި ވެދެއްވި އެހީތެރިކަމުން،"
ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުގައި ދަރިވަރުން ހަދާފައިވާ ބައެއް ސާމާނު

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިނަން އެހީތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް އިސްކަމެއްދެއެވެ. އެގޮތުން މީގެ ކުރިންވެސް ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ފެއްޓުމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕާސަންސް ވިތް ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުންދީފައިވެއެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ވެސް، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކުރެވިގެން ކޮންމެ އަހަރަކު ބާއްވާ އެފަދަ ހަމައެކަނި ހަރަކާތެވެ.