އިސްލާހު ކުރުމުގެ ނަމުގައި ޕީއެސްއެމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކަ ކޮންޓެކްސްޓާ ނުގުޅޭ ގޮތަށް ގެނެސްދީފައިވާ ކަމަށް ވިދާޅުވެއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕީއެސްއެމްގެ އެކްސްކުލޫސިވްގައި އޭނާ ދެއްކެވި ވާހަކަތައް ޓީވީއެމްގެ ހަބަރުގައި ގެެނެސްދީފައި ވަނީ ވާހަކަ ދެއްކީ ކޮންޓެކްސްޓާ ނުގުޅޭ ގޮތަށް ކަމަށެވެ. އަދި އިސްލާހު ކުރުމުގެ ނަމުގައި އައި ސަރުކާރުން ޕީއެސްއެމަށް ނުފޫޒު ފޯރުވަނީތޯ ސުވާލުކޮށް އެއީ ދެރަވަރު ކަމެއް ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ޕީއެސްއެމްގެ އެދުމުގެ މަތިން އެކްސްކުލޫސިވް އަށް ވަަޑައިގެންނެވި ކަމަށާއި، ނަމަވެސް ކުރިން ސުވާލު ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެމްއެންޑީއެފާއި ޕޮލިހުންގެ ތެރޭގައި ސިޔާސީ ނުފޫޒު އޮންނަކަމަށް ސުވާލު ކުރިކަމަށާއި، އޭނާގެ ލީޑާ ޝިޕްގައި އެކަން އޮތީ ކިހިނެއްތޯ ސުވާލު ކުރި ކަމަށެވެ.
އަދި ޖަވާބުގައި އެކަން އެގޮތަށް ވަނީ އެތަންތަނުގައި އޮންނަ އުސޫލާ އެއްގޮތަށް ކަންކަން ލީޑާޝިޕުން ނުކުރާތީ ކަމަށެވެ. އަދި އޭނާ ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައި ގެންނެވި އިރު، ފަހުގެ ތާރީހެއްގައި އަސްކްރިއްޔާގެ ތެރެއަށް ނުފޫޒު އެންމެ ބޮޑަށް ވަދެފައިވާ ދުވަސްވަރު ކަމަށެވެ.
އޭނާ ވިދާޅުވީ އަސްކަރިއްޔާގެ ސިޔާސީ ނުފޫޒު ކުޑަކުރުމަށް ސިޔާސީ މީހުންނާ ސިފައިންނާ ކޮމިއުނިކޭޓް ކުރެވޭނެވަރު މަދުކޮށް އެކަންކަން ކުރުމުގެ ސަބަބުން ހެޔޮ ބަދަލެއް އައިކަމުގެ ވާހަކަ ދެންނެވި ކަމަށެވެ.
ނަމަވެސް އެމީހުން ހެޑްލައިން ހަދާފައިވަނީ ފަހުގެ ތާރީހެއްގައި ދިވެހި އަސްކަރިއްޔާގެ ތެރެއަށް އެންމެބޮޑަށް ސިޔާސީ ނުފޫޒު ވަނީ ޔާމީންގެ ވެރިކަމުގައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންކަން ވަދެފައިވަނީ ކޮން އިރަކު ކަން ވަރަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.
އޭނާ ވިދާޅުވީ އަސްކަރިއްޔާ ރަނގަޅުކުރުމަށް ކުރި މަސައްކަތުގެ ވާހަކައާއި އޭނާ ކުރެއްވި މަސައްކަތުގެ ވާހަކަ ވެސް ދެއްކެވި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ރައީސް ޔާމީންގެ ނަން ގެނެސް ރިޕޯޓު ކުރުމަކީ ކޮންޓެކްސްޓްގައި ދެއްކި ވާހަކަ އޮޅުވާލުން ކަމަށެވެ.