ރާއްޖޭގައި މިހާރު އޮތީ އެންމެ ސަރުކާރެއް ނޫން ކަމަށާ، ދެ ސަރުކާރެއް އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސްކަން ވެސް ކުރައްވާ އަދުރޭ ވިދާޅުވީ މިހާރު ފެނިގެން ދަނީ އެއް ސަރުކާރެއް ހިނގާތަން ނޫން ކަމަށާއި ދެ ސަރުކާރެއް ހިނގަމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ހިންގަވަނީ ވަކި ސަރުކާރެއްގެ ގޮތަށް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހިންގަވަނީ ވަކިގޮތަކަށް ކަމަށެވެ.

"ދެބޭފުޅުން ދައްކާ ވާހަކައެއް ދިމާނުވޭ. އަނެއްކާ ރައީސް ދައްކާ ވާހަކައަކާއި ވަޒީރުން ދައްކާ ވާހަކައަކާ ދިމާނުވޭ. މިގައުމު ދުށް އެންމެ ބޮޑު ހާއިނު އަބްދުﷲ ލުތުފީގެ މައްސަލައިގައި ރައީސް ދެއްކެވި ވާހަކައަކާއި، ހޯމް މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކާ ދިމާނުވޭ. މިއީ ކިހިނެއްވާ ކަމެއްކަން ނޭނގޭ. މިކަން އެބަޖެހޭ ވަރަށް ބޮޑަށް ބަލަން،"
އަދުރޭ

އަދުރޭ ވިދާޅުވީ ނަހަމަގޮތުގައި މިއަށްވުރެ ބޮޑަށް ހިންގާ ސަރުކާރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއަށްވުރެ އަނިޔާވެރި ސަރުކާރެއް މި ރާއްޖޭގެ ތާރީހު ދެކެފައި ނެތް ކަމަށާއި، އެންމެ ބޭއިންސާފުން ކަންކުރަނީ ވެސް މި ސަރުކާރުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަށްވުރެ ބޮޑަށް އާއިލީ ވެރިކަމެއް ކުރައްވަން މަސައްކަތް ކުރި ވެރިއަކު ވެސް ނެތް ކަމަށެވެ.

އަދުރޭ ވިދާޅުވީ އެންމެ ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަސައްކަތް ކުރާ ސަރުކާރަކީ ރައީސް ސޯލިހުގެ ސަރުކާރު ކަމަށާއި، ސަރުކާރު އުފެދިގެން އަށް މަސްވީ އިރު ތަރައްގީއަށް ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ބޭފުޅުންގެ ކުންފުނިތަކަށް ދޭންެޖެހޭ ފައިސާދީ ބަޖެޓް ހުސްވެއްޖެ ކަަމަށް އަދުރޭ ވިދާޅުވިއެވެ.